ށ. ކަނބާލިފަރާ ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ. އެ ރަށަކީ ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށެކެވެ.

ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފައިމިވަނީ އިޓަލީގެ އިންވެސްޓަރު ފްރާންޗިން ޖުސެއްޕޭ (ޕީނޯ) އާއި ކަނބާލިފަރު ރިސޯޓްގެ މިހާރުގެ ވެރިޔާ ސަރަނގު އާދަމް މަނިކާ ދެމެދު ވިޔަފާރީގެ މައްސަލަތަކެއް އުފެދިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުންނެވެ.

އިޓަލީ ކުންފުނިން ބުނަނީ ށ. ކަނބާލިފަރު ކުންފުނީގެ ޕަވާ އޮފް އެޓާނީ ސަރަނގު އާދަމް މަނިކަށް ދީފައި ވަނިކޮށް އެ ކުންފުނީގެ ހުއްދަ ނެތި ޕަވާއޮފް އެޓާނީ ނަހަމަގޮތުގައި ބޭނުންކޮށް، އެރަށުގެ މިލްކުވެރިކަން އަމިއްލަ ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ވަގުތީ އަމުރަކަށް އެ ކުންފުނިން އެދުނީ އެ ސަބަބާ ހުރެ އެވެ.

ކަނބާލިފަރާ ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީގޮތުން ހުއްޓުވަން ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށެވެ. ކަނބާލިފަރަކީ ސަރަނގު އާދަމް މަނިކު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ލޯނެއް ނެގުމަށް ރަހުނުކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށެކެވެ.