ބީއެމްއެލް އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް، ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތައް ހިންގުމަށް ގްރީން ފައިނޭންސިން ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި މިއީ އެނާޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވަރ ޖެެނެރޭޓް ކުރުންފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފްކުރެވުނު އައު ފައިނޭންސިންގ ފެސިލިޓީއެކެވެ.
އެ ބޭންކުން ބުނީ ގްރީން ފައިނޭންސިން މެދުވެރިކޮށް ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި 12 ޕަސެންޓްގެ ރޭޓުގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފައިނޭންސް އަނބުރާ ފައިސާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު މި ފައިނޭންސް އަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ޚަރަދެއްކުރާކަށް ނުޖެހޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ އޭގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމަަޔަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް 10 ޕަސެންޓްގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިން ދޫކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފެސިލިޓީ އަށް އެދި ހުށަހަޅާ ކަސްޓަމަރުން ޖުމްލަ ޚަރަދުގެ 15 ޕަސެންޓް އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އޭގެ އިތުރުން ފައިނޭންސްކޮށްދޭ އަދަދުގެ 150 ޕަސެންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހެ އެވެ. އެ ފައިނޭންސިން އަށް އަނބުރާ ފައިސާދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ކަނޑައަޅާފައިވެ އެވެ.
ބީއެމްއެލްގެ ޑިރެކްޓަ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ މި ތައާރަފްކުރި ގްރީން ފައިނޭންސިންއަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފްކުރި ފެސިލިޓީއެއް ކަމަށެވެ.
"މިއަދު މި ތައާރަަފްކުރެވުނު ފެސިލިޓީއާއެކު ފަރުދުންނާއި ވިޔަފާރިތަކަށް ރަނގަޅު ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. އަދި ގްރީން ފައިނޭންސިންއަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ އެވެ. އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް އެދި ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިސްލާމިކް ގްރީން ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް އިން ލިބޭނެ އެވެ.