ކ. ތިލަފުއްޓާއި ގުޅިފަޅުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
ތިލަފުއްޓާއި ގުޅިފަޅު ފަޅުތެރޭގައި ހުރި އުޅަނދުތަކާމެދު އަމަލުކުރާނެ އުސޫލެއް އެޗްޑީސީ އިން ވަނީ އާންމު ކޮށްފަ އެވެ.
އެ އުސޫލުގައި ބުނެފައި ވަނީ ތިލަފުއްޓާއި ގުޅިފަޅު ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތަކުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި ތިލަފުއްޓާއި ގުޅީފަޅުގެ މާސްޓާ ޕްލޭންއާއި އެއްގޮތަށް ތަރައްގީގެ މަޝްރޫއަށް ހުރަސްއެޅެމުންދާ ކަަމަށް އެޗްޑީސީ އިން ބުނެ އެވެ.
އެ ތަކެތި ނެގުމަށް އެންގީ ތަކުރާރުކޮށް އެކި ފަހަރު މަތީން އެތަކެތި ނެގުމަށް އެންގުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.
އެޗްޑީސީ އިން އާންމު ކުރި އުސޫލުގައި ވަނީ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކަކީ ކޮބައިކަން ކަނޑައަޅާ އެ އުޅަނދުތައް ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށެވެ.
ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅަފައިވާ ތަކެތި އެ އެއްޗެއްގެ ވެރިފަރާތް އިނގޭނަމަ އެ އެއްޗެއް އޮތް ހާލަތަކަށް ބަލާ 7 ދުވަހާ 30 ދުވަހުގެ ނޯޓިސް އެއް ދޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ އެއްޗެއް ނުނަގައިފި ނަމަ އެ އެއްޗެއް ނައްތާލުމުގެ ބާރު ނުވަތަ ނީލަމުގައި ވިއްކާލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީ އިން ބުނެ އެވެ.
ތިލަފުއްޓާއި ގުޅިފަޅު ފަޅު ތެރޭގައި އެއްވެސް އުޅަނދެއްވާނަމަ އެޗްޑީސީއާ ގުޅައިގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީ އިން އެދެ އެވެ.