ރާއްޖެއާއި ޕާކިސްތާނާ ދެގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމްކުރުމަށް މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ، ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގަ އެވެ.

މި ބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސާ ޕާކިސްތާނުގެ ސަފީރު ވަނީ ދެގައުމުގެ ދެމެދުގައިވާ ޒަމާންވީ ރަހްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ގައުމުން ގެންގުޅޭ އެއްކަހަލަ ގަބޫލުކުރުންތަކާއި އުސޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފަ އެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމްކުރުމާއި، ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތައުލީމްގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވި އެވެ. ހަމަ އެއާއެކު ދެ ގައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމްއޯޔޫތައް އަވަހަށް ނިންމުމަށްވެސް މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވެވި އެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެގައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާލަތު އޮޅުންފިލުއްވާފަ އެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސާ ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތާނގައިވެސް ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވެވި

އެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ގާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ.