މުޅިން އަލަށް ދިރާގު ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރު އަދި ހިލޭ ސެޓްއަޕް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ފައިބަ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ލިމިޓެޑް ޓައިމް އޮފާގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން މިމަހުގެ 15 ގެ ނިޔަލަށެވެ.

"މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަ ނެޓްވޯކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް. ދިރާގު ފައިބަ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތަށް ޚިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ދިރާގުގެ މެނޭޖަރު އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވި އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 87 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.