ރާއްޖޭގައި ބާއްވާ އެންމެ މަގުބޫލު ވިޔަފާރި އެވޯޑް، "ގޯލްޑް 100 ގާލާ" ހަތް ވަނަ އެވޯޑް ހަފްލާ މިމަހު 16 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ މި އެވޯޑް ހަފްލާ އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ރާއްޖޭގެ އެންމެ ގަދަ 100 ކުންފުނީގެ ކާމިޔާބު ފާހަގަކުރާ މި ހަފްލާގައި ބައިވެރިވެވޭނީ ހަމަ އެކަނި ކޯޕަރޭޓް މޯލްޑިވްސްއިން ދައުވަތު ފޮނުވާ ފަރާތްތަކަށެވެ. އަދި މިއީ ހިތްގައިމު މާހައުލަކުން އެންމެން އެކީ ބައްދަލުވެލާ ގުޅުން ބަދަހިކުރުމަށް ވިޔަފާރިވެރިންނަށް ލިބޭ ފުރުސަތެއް ކަމަށް ވެސް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ކުންފުނިތަކުގެ ޗެއާމަނުންނާއި، މެނޭޖިން ޑިރެކްޓަރުންނާއި، ސީއީއޯ އަދި ކުންފުނިތަކުގެ މުހިންމު ނިންމުންތައް ނިންމާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މިހަފްލާގައި ބައިވެރިވާނެ އެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ބުނީ މި ހަފްލާގައި "ގޯލްޑް 100" މެގަޒިން އިފްތިތާހުކުރުމާއި އަދި އެންމެ ގަދަ 100 ކުންފުންޏަށް އެވޯޑް ދިނުން އޮންނާނެ ކަމަށެވެ. އަދި "ގޯލްޑް 100" އަކީ ކޯޕަރޭޓް މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ނެރޭ ރާއްޖޭގެ އެންމެ ކާމިޔާބު 100 ވިޔަފާރި ކުންފުނީގެ ލިސްޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ލިސްޓުގައި ވިޔަފާރިތައް ރޭންކު ކޮށްފައި ނުވާ ނަމަވެސް، ދެފުށް ފެންނަ މިނިވަން މަރުހަލާތަކެއްގެ ތެރެއިން ހޮވާލެވޭ މި 100 ކުންފުންޏަކީ ރާއްޖޭގައިވާ ލީޑިން 100 ކުންފުނި ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެ އެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގެ އެކި ސިނާއަތްތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތައްކޮށް، ވިޔަފާރި މައިދާނުގައި ކާމިޔާބާއި ކުރިއެރުން ހޯދާފައިވާ އަދި މުޖުތަމައުއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްފައިވާ ފަރާތަކަށް "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" ދިނުން ވެސް މި ހަފްލާގައި އޮންނާނެ ކަމަށެވެ.