މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022ގެ ޓައިޓަލް ޕާޓްނަރަކަށް ވުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު ދިރާގު ސޮއިކޮށްފި އެވެ.

މިއީ 2021 އަދި 2022ވަނަ އަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިޙާނުތަށް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއް ހާސިލްކޮށްފައިވާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ގައުމީ އިނާމު ދިނުމުގެ ހަފްލާއެވެ. މިގޮތުން އޭލެވެލް އިމްތިހާނުގައި ގަދަ 10 ރޭންކިންގ ހާސިލްކުރި ދަރިވަރުންގެ އިތުރުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މަތީ ދަރަޖަ ހޯދާފައިވާ ދަރިވަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އެވޯޑް ލިބޭ ދަރިވަރުންނަށް ވެސް މި ހަފްލާގައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

"ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސީ ދާއިރާ. އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެން މަތީ ޘާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022 ގެ ޕާޓްނަރަކަށްވެ، މިއަދުގެ ޒުވާނުންގެ ކާމިޔާބީތައް ފާހަގަކުރުމަކީ އަޅިގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ދިރާގުގެ ޗީފް ކޮމަޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވި އެވެ.

"ތަޢުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މުޖުތަމައުގައި ޒުވާނުން ކުރިއެރުވުމަށް ދިރާގުން ދެއްވާ އެއްބާރުލުމާއި ހަރަކާތްތެރި ބައިވެރިވުމަށް ޝުކުރު އަދާކުރަން. އަދި މިފަދަ ހަރަކާތްތައް ބޭއްވުމުގައި އެކުންފުނިން އަބަދުވެސް ވެދެއްވާ އެހީތެރިކަންވެސް އުފަލާއެކު ފާހަގަކުރަން،" މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު، ނައުޝާދު އިބްރާހިމް ވިދާޅުވި އެވެ.

މިއަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމޖެހިފައިވަނީ މިމަހުގެ 31 ގައި ދަރުބާރުގޭގަ އެވެ.

ޑިޖިޓަލް މުސްތަގުބަލުގައި ރާއްޖޭގެ ޒުވާނުން ކުރިއެރުވުމަށް ޓަކައި ޒުވާނުން ބާރުވެރިކުރުވާ އިވެންޓްތަކާއި ޕްރޮޖެކްޓްތަކަށް ދިރާގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.