އައްޑޫގައި މީގެ އަހަރުތަކެއް ކުރިން ހުޅުވި އެކަމަކު އެކި މައްސަލަތަކާ ހެދި ބަންދު ކޮށްފައިވާ ޝަންގްރިއްލާ ރިސޯޓުގެ ހިއްސާ ދޫކޮށްލަން ސަރުކާރުން ނިންމައި އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެ ރިސޯޓު ހިންގާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮންނަ ޝަންގްރިއްލާ ބަންދުކުރީ ކޮވިޑުގެ ތެރޭގައި 2020 ވަނަ އަހަރުއެވެ. އެ ފަހުން އެ ރިސޯޓު ނުހުޅުވި އޮންނާތީ އައްޑޫގެ ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑެވެ.
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުމަށް އިއްޔެ މަރަދޫގައި ބޭއްވި ރަސްމިޔާތުގައި ރައީސް ސޯލިހް ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތާލުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެގޮތުން، ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އެ ރިސޯޓް ހިންގަން ފަށަން އޮތް ހުރަސް ކަމުގައި ނަހަދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިދިޔަ މާޗް މަހުގެ އަށާރަ ވަނަ ދުވަހު ހިއްސާ ބަދަލުކުރުމުގެ ލިއުންތައް ސަރުކާރުން އެ ފަރާތާ [އައްޑޫ އިންވެސްޓްމަންޓާ] ހިއްސާކޮށްފިން،" ރައީސް ވިދާޅުވި އެވެ. "އެކަން ނިމުމާ އެކު ބޭނުންވާ ބަދަލު ގެނެވި، ޝަންގްރިއްލާ ހުޅުވި، ހިންގަން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ހޮންގްކޮންގްގެ ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއްލާއާ ގުޅިގެން ސ. ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ.