މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ނ. ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވެލިދޫ އީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ސޮއިކޮށްފި އެވެ.

ނ. ވެލިދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އީދު ފެސްޓިވަލްގައި ކޯޑި ކެނޑުން، މާލި ހެދުން އަދި ދަފި ނެގުން ފަދަ ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނެ އެވެ. އަދި ވާދެމުން، ފައިގަތަޅާ އަދި ބައިސްކަލް، ސައިކްލް ރޭސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ހަވާއެރުވުމާއި އީދު މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޑެޓިއުން ބޭންޑް އަދި ބިދަބިން ބޮޑުބެރު ގްރޫޕް ވެސް ބައިވެރިވާނެ އެވެ.

"މިފަދަ އިޖްތިމާޢީ އިވެންޓްތަކަށް ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އަޟްޙާ ޢީދުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިފަދަ ކުލަގަދަ ޙަފްލާއެއް މުޖްތަމަޢުއަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ނ. ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވި އެވެ.

"މުޖުތަމަޢު ބާރުވެރިކުރުވުމަކީ އަޅުގަނޑުމެންގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ވަރަށް މުހިންމު ދާއިރާއެއެއް. އެގޮތުން 'ވެލިދޫ ޢީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ކުލަގަދަ އިވެންޓަށް ސަޕޯޓްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޢީދަކީ ނ. ވެލިދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފޯރިގަދަ އީދަކަށްވުން،" ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.