މީޑިއާނެޓް ބޯޅަ ފިއެސްޓާގެ ނަމުގައި ފަށާ ކުޅިވަރުގެ ޚާއްސަ ކެމްޕެއިން މި ހުކުރު ދުވަހު ފެށޭނެ އެވެ. މި ކެމްޕެއިންގެ ދަށުން ރާއްޖެއާއި ބައިނަލްއަގްވާމީ ފޯރިގަދަ ދެ މުބާރާތެއް ދިވެހިންނާއި ހަމައަށް އައިސް ނެޓްވޯކްގެ ޗެނަލްތައް މެދުވެރިކޮށް ވަގުތުން ފެންނާނެ އެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ މަގްބޫލު ފުޓްސަލް މުބާރާތް "ކްލަބް މޯލްޑިވްސް" އަދި ދުނިޔޭގެ ތައްޓަށް ވާދަކުރާ އަންހެން ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް "ފީފާ ވިމެންސް ވޯލްޑް ކަޕް" އެވެ.

ޖުލައި 14، ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ ބޯޅަ ފިއެސްޓާގެ ފުރަތަމަ އިވެންޓް ކްލަބް މޯލްޑިވްސް އެވެ. މިއީ ދިވެހިރާއްޖޭގެ އެންމެ ތާރީޚީ ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. ކްލަބް މޯލްޑިވްސް ކަޕް އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާގެ އިތުރުން ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ނަމުގައި މި އަހަރުގެ މުބާރާތުގައި އިތުރު ދެ މުބާރާތް ހިމެނިފައިވުމަކީ މިއަހަރުގެ މުބާރާތް އިތުރަށް ތާރީޚީ ވެގެންދާ އެއް ސަބަބެވެ.

ޖުމްލަ 67 ޓީމު ވާދަކުރާ މުބާރާތުގައި މި އަހަރު ވެސް ދިވެހިރާއްޖެއިން ފުޓްސަލްގައި ނަން ވިދާލާ ގިނަ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެ އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 25 ގަ އެވެ.

މީޑިއާނެޓް ބޯޅަ ފިއެސްޓާގައި ދެން ހިމެނެނީ ދުނިޔޭގެ އެންމެ ބޮޑު އަންހެން ފުޓުބޯޅަ މުބާރާތް "ފީފާ ވިމެންސް ވޯލްޑް ކަޕް" އެވެ. 16 ޓީމު ދުނިޔޭގެ ޗެމްޕިއަނުންގެ ލަގަބު ހޯދުމަށް ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ދިވެހިންނާއި ހިސާބަށް ވަގުތުން ފެންނާނެ އެވެ. އަންހެން ފުޓުބޯޅަ އަހަރަކަށްފަހު އަހަރެއް ހަރުފަތްތައް ގިރާކުރަމުން ދާއިރު، މި މުބާރާތަކީ ފޯރިގަދަވާނެ މުބާރާތެއްކަން ޔަގީނެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޖުލައި 20 ވަނަ ދުވަހު އެވެ އަދި ފައިނަލް މެޗު ކުޅޭނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ.

މި ދެ މުބާރާތް ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށްވާނެ އެވެ. މިއީ ދިވެހިރާއްޖޭގައި ކުޅެވޭ ފުޓްސަލް މުބާރާތެއްގެ ހުރިހާ މެޗެއް ވަގުތުން ޓީވީއިން ބެލޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. އަދި އަންހެން ފުޓުބޯޅައިގެ ބޮޑު މުބާރާތެއް މެޗުތައް ޓީވީއިން ބެލޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.

.

ބޯޅަ ފިއެސްޓާގައި ގެނެސްދެވޭ މުބާރާތްތަކުގެ މެޗުތައް ޓީވީގެ އިތުރުން މީޑިއާނެޓުގެ އެމްއެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެ ވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން ބަލާލެވޭނެ އެވެ. މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެޗުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖުތަކެއް ވެސް މީޑިއާ ނެޓުން މިހާރު ވަނީ ތައާރަފްކޮށްފަ އެވެ.