އެއްލައްކަ ރުފިޔާގެ އިނާމު ޕޫލަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ދިރަގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް މިމަހުގެ 28 އިން އަންނަ މަހުގެ ފަހަކަށް ބޭއްވުމަށް އިއުލާނުކޮށްފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމް ކުޅޭ ފަރާތްތަކަށް މި އުފާވެރި ހަބަރު ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ހަފުތާ ކުރީކޮޅު ވަނީ އިއުލާނުކޮށްފަ އެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ރަސްމީކޮށް ހުޅުވާލާފައިވަނީ 26 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 00:00ގެ ނިޔަލަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ. މި މުބާރާތުގައި ބައިވެރިވުމަށް އުމުރުން 15 އަހަރުން މަތީގެ ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. ކޮންމެ ޓީމަކަށް ފަސް ކުޅުންތެރިން ނަށް ފުރުސަތު ދެވޭނެ ގޮތަށް 40 ޓީމެއްގެ ލިމިޓެއް އޮތުމުން ވީއެންމެ އަވަހަކަށް ރަޖިސްޓްރީ ކަށަވަރުކުރުމަށް ދިރާގުން އިލްތިމާސްކުރެ އެވެ.

މުބާރާތުގެ ފުރަތަމަ ހަތް ދުވަސް އޮންލައިންކޮށް ކުޅުމަށް ހަމަޖެހިފައިވާއިރު، ދިރާގު ޔޫޓިއުބް ޕޭޖުން މި މެޗުތަށް ލައިވް ކުރެވިގެންދާނެއެވެ. ފަސް އޯގަސްޓުގައި ބެއްވޭ ގްރޭންޑް ފިނާލޭ ވެގެންދާނީ ފުލް ޑޭ ފިޒިކަލް އިވެންޓަކަށެވެ. ފައިނަލް ބުރަށް ދާ ޓީމުތަކުގެ އާއިލާއާއި ރަހުމަތްތެރިންނަށް އެ ތަނުން ލައިވްކޮށް މެޗުތައް ބެލޭނޭފަދަ ފޯރިގަދަ އިވެންޓަކަށް ވެގެންދާނެކަމަށް ދިރާގުން މައުލޫމާތުދެ އެވެ.

މޮބައިލް ލެޖެންޑްސް އަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓުވެސްމެއެވެ. ދިރާގުން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.