ސަރުކާރުގެ ޚަރަދުބަރަދު ފޫބެއްދުމަށް (މުސާރަ ދިނުމަށާއި، ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ބަދަލު ދިނުމަށާއި، ބޭރުގެ ދަރަނި އަދާކުރުން ފަދަ ކަންކަމަށް)، ދިވެހިރާއްޖެ ފަދަ ޤައުމަކުން ފައިސާ ޗާޕްކުރުމަކީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. މި ލިޔުމުގައި ބަލާލާނީ، މަތީގައިވާ މައްސަލައިގެ ސަބަބުން ރާއްޖެފަދަ، ނަފާ ނެރެވޭ އިޤްތިޞާދީ ޞިނާޢަތްތައް މަދު އަދި އެހާމެ ނާޒުކު އިޤްތިޞާދެއް ލިބިފައިވާ ޤައުމަކަށް، ޤައުމީ ފެންވަރުގައި ދިމާވެދާނެ އިޤްތިޞާދީ ބައެއް ނުރައްކާތަކުގެ މައްޗަށެވެ.

ތަކެތީގެ އަގު އުފުލުން

ސަރުކާރުގެ ޚަރަދުބަރަދު ފޫބެއްދުމަށް ފައިސާ ޗާޕްކުރުން ޢާންމުވެއްޖެ ނަމަ، އެކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލުމަކީ ނުވެ ނުދާނެ ކަމެކެވެ. މިކަމުގެ ސަބަބުން އާދައިގެ އާއިލާއަކަށް، ކުރިން ދިރިއުޅުމަށް ކުރި ޚަރަދުގައި ފަހުން ފުއްދުމަކީ ނުހަނު އުނދަގޫ ކަމަކަށް ވާނެއެވެ. އެހެންކަމުން ދިރިއުޅުމުގެ ފެންވަރު ދަށްވެ، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިތަކާ ކުރިމަތި ވާނެއެވެ. އަދި ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުން، ރިސޯޓްތަކުގެ އަގު އުފުލި، ފަތުރުވެރިން، ރާއްޖެކަހަލަ އެހެން މަންޒިލްތައް ޚިޔާރުކުރަން ފަށައިފިނަމަ، އެކަން ވެގެންދާނީ، މުޅި އިޤްތިޞާދުހެން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެއަށް ދިމާވާނެ ވަރަށް ނުރައްކާތެރި ކަމަކަށެވެ.

ދިވެހި ރުފިޔާގެ އަގު ވެއްޓުން

ފައިސާ އިތުރަށް ޗާޕްކުރުމުގެ ސަބަބުން އިޤްތިޞާދުގައި އެނބުރޭ ފައިސާގެ އަގު އެމެރިކާ ޑޮލަރާ އަޅާކިޔާއިރު، ވެއްޓޭކަމީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ ކަމެކެވެ. އަލަށް ޗާޕްކޮށްގެން އިޤްތިޞާދަށް ނެރޭ ފައިސާގެ ޢަދަދު، އިޤްތިޞާދަށް ކޮންމެހެން ބޭނުންވާ ވަރަށްވުރެ އިތުރުވެއްޖެނަމަ، އެ އިޤްތިޞާދެއްގައި ހުންނަ ފައިސާގެ އަގު ވެއްޓޭނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.

ޚާއްޞަކޮށް ރާއްޖެފަދަ، ދިރިއުޅުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ރާއްޖެއިން ބޭރުން ގަނެގެން އެތެރެ ކުރުމަށް، ބޭރުފައިސާ ބޭނުންކުރުމަށް މަޖުބޫރު ވެފައިވާ ޤައުމަކަށް، ފައިސާ ޗާޕްކުރުމަކީ، އިޤްތިޞާދީ ބޮޑު ކާރިސާއަކަށް މަގުފަހިވާފަދަ ކަމަކަށް ވުމަކީވެސް ދުރުކަމެއް ނޫނެވެ. މިހެންވުމުން، ރާއްޖޭގެ ބާޒާރުން ބޭރުފައިސާ ގަންނަން ލިބޭ އަގު ބޮޑުވެ، ބޭރުގެ ދަރަނި އަދާކުރުމަކީ ކުރިއަށްވުރެ ވެސް އަގުބޮޑު ކަމަކަށް ވެގެންދާނެއެވެ.

އިންވެސްޓަރުންގެ ޔަޤީންކަމާއި އިތުބާރު ގެއްލުން

ސަރުކާރުގެ ޚަރަދުބަރަދު ފޫބެއްދުމަށް ފައިސާ ޗާޕްކުރުމަކީ، ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު އޮންނަ ޔަޤީންކަމާއި އިތުބާރު ގެއްލޭނެ ކަމެކެވެ. މިކަން މިފަހުން ސަރުކާރުން ވިއްކާލަން އިޢުލާނުކުރި ރަށްތަކަށް ކުރިމަތިލީ މީހުންގެ ޢަދަދުން ސާފުވާން އެބައޮތެވެ. ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރިކުރުމުގެ ފުރުޞަތު ދީގެން ނޫނީ ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިޤްތިޞާދީ ހަކަތަ އުފެއްދޭވަރުގެ ބާރުވެރިކަމެއް ރާއްޖެއަށް ލިބިގެން ނުވާއިރު، ވަޒީފާ އިތުރަށް އުފެއްދުމާއި، ބޭރު ފައިސާ ރާއްޖެއަށް ވަނުމުގެ ފުރުޞަތު ގެއްލި، ދަރަންޏަށް ފައިސާ ދޫކުރާ ފަރާތްތަކުގެ ޔަޤީންކަމާ އިތުބާރު ވެސް ގެއްލޭނެކަމީ ކަށަވަރު ކަމެކެވެ.

އިޤްތިޞާދީ ކަންކަން ލަފާކުރަން ނޭނގުން

ސަރުކާރުގެ ޚަރަދުބަރަދު ފޫބެއްދުމަށް ފައިސާ ޗާޕްކުރުމުގެ ސަބަބުން، ޤައުމުގެ އިންފްލޭޝަން މަތިވެ، ފައިސާގެ އަގުވެއްޓި، ބޭރުގެ ފައިސާގެ ރިޒާވް ދަށްވެ، ބޮލަކަށްޖެހޭ ދަރަނީގެ މިންވަރު އުފުލުމުގެ ސަބަބުން އިޤްތިޞާދީ ކަންކަން ލަފާކުރަން އުނދާގޫތަކާ ކުރިމަތިލާންޖެހި، ޤައުމު ހަލަބޮލިކަމަކަށް ވެއްޓުމަކީ ދުރުކަމެއް ނޫނެވެ.

މިހެންވުމުން، ޤައުމުގެ އިޤްތިޞާދީ ކާރޫބާރު މަޑުޖެހި، ވިޔަފާރިކުރާ ފަރާތްތަކުގެ ޔަޤީންކަން ގެއްލި، ކުރު އަދި ދުރުރާސްތާ އިޤްތިޞާދީ ހުރަސްތައް ގިރާކުރުމަށް ވިޔަފާރިވެރިން ޖެހިލުންވެ، ޤައުމަށް ދިމާވެދާނެ ޚާއްޞަ ޙާލަތްތަކުގައި ހޭދަކުރާނެ ހަކަތައާއި ޤާބިލްކަން ސަރުކާރުގައި ނެތި، ޤައުމު ބަނޑަށްޖެހި، ބަނގުރޫޓްވުމާ ކައިރިއަށް ޖެހޭކަމުގެ ބިރުވެރިކަމާއި ނުތަނަވަސްކަން، ރައްޔިތުންގެ މެދުގައި އުފެދޭނެކަމީ ކަށަވަރު ކަމެކެވެ.

ޤައުމު ބަނގުރޫޓްވުމުގެ ބިރު

ސަރުކާރުގެ ޚަރަދު ކުޑަނުކޮށް، ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަށް ހަރުދަނާކޮށް، ފުރިހަމަޔަށް ނުބަލަހައްޓާ، ސަރުކާރުން ނަގާ ދަރަނި އަހަރުން އަހަރަށް އިތުރު ކުރުމާއެކު، ދުވަހުން ދުވަހަށް ކުރާ، އުފެއްދުންތެރި ކަމެއް ނެތް ހޭދަ ފޫބެއްދުމަށް، ފައިސާ ޗާޕްކުރުމަކީ ރާއްޖެ ބަނގުރޫޓް ވުމާ ދިމާލަށް މިސްރާބު ހިފާފައިވާކަން ދައްކުވައިދޭ ކަމެކެވެ.

މި ހިސާބަށް ކަންކަން ދިއުމުން، އިތުރަށް ލޯނު ލިބޭނެ ދޮރުތައް ބަންދުވެ، މާލީގޮތުން އަރައިގަތުމަށް ނުހަނު ބޮޑެތި ހުރަސްތަކާ ދިމާވުމަކީ ޢާންމު ކަމެކެވެ. ދާދި އިހަކަށް ދުވަހު އަވައްޓެރި ސްރީލަނަކާއަށް ދިމާވީ އެފަދަ ޙާލަތެކެވެ. މިހެންވުމުން، ދުނިޔޭގެ މާލީ އިދާރާތަކުގެ މެދުގައި އެ ޤައުމެއްގެ އިތުބާރު ގެއްލި، އެ ޤައުމަކާމެދު ދުނިޔެ ދެކޭގޮތް ބަދަލުވެ، އިތުރަށް އިންވެސްޓް ކުރާނެ ބަޔަކު ނެތި، ޤައުމުގައި ކޮށްފައިވާ އިންވެސްޓްމަންޓްތައް ނުއަގުގައި ވިއްކާލާ ހިސާބަށް ދިއުމުން، އެޤައުމަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ކުރާނެ ޤައުމުތައް މަދުވެ، އެޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވުމުގެ ސަބަބުން، އާމްދަނީ ލިބުން މަދުވުން ފަދަ ކަންކަމަކީ ޢާންމުކޮށް ދިމާވާނެ ކަންކަމެވެ.

މިފަދަ ޙާލަތަކަށް ވެއްޓުމުން އެ ޤައުމެއްގެ ހަރުމުދާ ވިއްކައިގެން ވެސް، ދަރަނި އަދާކުރުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެއެވެ. ރާއްޖޭގެ ޙާލަތަށް ބަލާއިރު، މި ވޭތުވާ ފަސް އަހަރުގައި މާގިނަ ހަރުމުދާތަކެއް ނުއުފެއްދި، ނަގާހާ ލޯނަކީ ކަނޑަށް އެޅުމަށާއި، ބަދަލު ދިނުމަށާއި، ރިކަރަންޓް ޚަރަދު ފޫބެއްދުމަށް ނަގާފައިވާ ދަރަނިކަމުން، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުއްޓުމަކަށް އައިސް، އެ ދަރަނިތަކުން އަރައިގަތުމަށް ނުކުޅެދި، މާލީގޮތުން ބަނގުރޫޓްވުމަކީ، މިހާރު އެކަމުގެ ބިރު އިންތިހާއަށް އޮތްކަމެކެވެ.

ނިންމުން

ސަރުކާރުގެ ޚަރަދުބަރަދު ފޫބެއްދުމަށް ފައިސާ ޗާޕްކުރުމަކީ ކުރު މުއްދަތުގައި ކުރެވިދާނެ ކަމެއްގެ ގޮތުގައި ބައެއް އިޤްތިޞާދީ މުޞައްނިފުން ޤަބޫލު ކުރިޔަސް، ރާއްޖެފަދަ ނާޒުކު އިޤްތިޞާދެއް ލިބިފައިވާ ޤައުމަކުން ތަކުރާރުކޮށް ފައިސާ ޗާޕްކުރުމަކީ އޭގެ ގެއްލުން ނުހަނު ދުރަށް ފޯރާނެކަމެކެވެ.

ޚާއްޞަކޮށް، ބޭރުން ނަގާ ދަރަނިތަކުން ނަފާވާނެފަދަ ކަންކަން ނުކޮށް، އެ ދަރަނިން ހަރުމުދާ ނުއުފައްދާ، އެތެރޭގެ އިޤްތިޞާދުގައި ފައިސާ ނުހިފެހެއްޓި، ލިބޭ ހުރިހާ ބޭރު ފައިސާއެއް ރާއްޖެއިން ބޭރަށް ވިއްކައިގެން މެނުވީ، ދިރިއުޅުމުގެ ޒަރޫރީ ކަންކަން ވެސް ފުއްދައިގަނެވޭ ފަދަ ޤާބިލްކަމެއް ލިބިފައިނުވާ ޤައުމަކަށް، ކުރެވޭނެ ހަމައެކަނި ކަމަކީ ފައިސާ ޗާޕްކުރުން ކަމުގައި ދެކުމަކީ، ނާޤާބިލްކަމުގެ އިންތިހާއެވެ.

ރާއްޖޭގެ ވޭތުވެދިޔަ ފަސްއަހަރުގެ ދަރަނި، 60 ބިލިޔަން ރުފިޔާއަށް ވުރެ މަތިވެފައިވާއިރު، އެދަރަނިން އުފެއްދިފައިވާ ހަރުމުދަލުން އެ ދަރަނި އަދާކުރެވިދާނެ ކަމަށް ނުބެލެވޭއިރު، މި ހުރިހާ ދަރަނިހެން އެންމެ ޤައުމަކުން ހޯދާފައިވާހިނދު، ދައުލަތުގެ ޖުމްލަ ދަރަނި އަދާކުރުމަށް 2026 ވަނަ އަހަރު، އެއް ބިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެކަން އެނގިތިބެމެ، ސަރުކާރުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ބަދަލުގައި، ދުވަހުން ދުވަހަށް މަތިކުރަމުން، ފައިސާ ޗާޕްކުރަމުން ދާކަމީ، ޒިންމާދާރު، އޯގާތެރި ސިޔާސަތެއް ކަމުގައި ބުނެވިދާނެ ހެއްޔެވެ؟

މިއަދު ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކެއް ކަނޑައަޅާ، އެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ކަންކަން އަވަސް މުއްދަތެއްގައި، ޢަމަލީގޮތުން ފަށައިނުގެންފި ނަމަ، އަންނަންއޮތް ޖީލުތަކަށް މިޤައުމު ފެންނާނީ ކޮންފަދަ ގޮތަކަށް ތޯއެވެ؟ އުފާވެރި ތަނެއްގެ ގޮތުގައި ތޯއެވެ؟ އެހެން ވެއްޖެނަމަ، އެއީ އެންމެން ވެސް އެދޭނެގޮތެވެ. ނުރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށް ވެއްޖެނަމަ، މިސާލަކަށް، ދަރަނި ދޭފަރާތުގެ މިލްކެއްގެ ގޮތުގައި އެދުވަހަކުން މި ޤައުމު އޮވެއްޖެނަމަ، އެކަމުގެ މަސްއޫލިއްޔަތާއި ޒިންމާ، މިއަދު ނަގަނީ ކޮންބައެއް ތޯއެވެ؟

ކޮންމެއަކަސް، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، މިހާތަކަށް ސަރުކާރުން ޗާޕްކުރިހާ ފައިސާއެއް އަނބުރާ ދައުލަތާ ޙަވާލުކުރަން ޖެހެނީ، މީގެ ފަންސާސް އަހަރު ފަހުން، ހަމައެކަނި އެ ޗާޕްކުރި ޢަދަދު ކަމަށްވާއިރު، އެފައިސާއިން މިއަދު ކުރެވޭނެ ކަންކަން، ފަންސާސް އަހަރުފަހުން ނުވުމުން ޤައުމުގެ މުސްތަޤްބަލުގެ އެ ޖީލަށް ދިމާވާނެ ހިތާމަވެރި، އިހާނެތި ޙާލަތާމެދު އަޅުގަނޑުގެ ކަންބޮޑުވުން ހާމަކުރީމެވެ.

Editors Note

މި އާޓިކަލް ލިޔުއްވި ޑރ. ހާރިސް މުހަންމަދަކީ އިގްތިސާދީ ދާއިރާއިން ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖެ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރުމުގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު އެންމެ އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ. މާކެޓިން ދާއިރާ އިން ޑޮކްކަރޭޓް ޑިގްރީ ހާސިލް ކުރެއްވުމުގެ އިތުރުން އޭނާ އަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް މާކެޓިން (ޔޫކޭ)ގެ ފެލޯއެކެވެ. އަދި ޗާޓަޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (ޔޫކޭ)ގެ ފެލޯއެއް ވެސް މެއެކެވެ.