މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ނިމޭއިރު ރާއްޖޭގައި 10،000 ޓަނަށް ވުރެ ގިނައިން މަސް ރައްކާކުރެވޭ ގުދަންތައް ހުންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގދ އަދި ގއ. އަށް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުގައި ގއ. ދެއްވަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރަންވާ ވަރަށް ކުރި ނާރާ އޮތޯ ވޭތުވެދިޔަ ސަރުކާރުތަކުން އިހުމާލުވެފައި އޮތުމުން ކަމަށެވެ. އަދިވެސް ހުރީ މީގެ 20 ނުވަތަ 30 އަހަރު ކުރިން އަޅަފައި ހުރި މަސް ރައްކާކުރާ ފެކްޓްރީތައް ކަމަށް ރައީސް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރީގެ ސަރުކާރުތަކުން އިހުމަލެވެފައި ވާތީ މަސްވެރިންނާއި ސަރުކާރާ މެދު އޮތް ގުޅުން ކެނޑިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުތަކުން ވިސްނާފައި އޮތީ މިސިނާއަތާ ދުރަށް ދާން. އަމިއްލަ ފަރުދުން ކުރިއަރުވަން ޖެހޭ ސިނާއަތެއްގެ ގޮތުގައި ދޫކޮށްލާފައި. މި ސިނާއަތް ކުރިއަރާނީ ސަރުކާރުން ބައިވެރިގެން އިންވެސްޓް ވެސް ކޮށްގެން އެއަށް ފަހު ޕްރައިވެޓް ސެކްޓާ އާ އެކީގަ ކުރިއަށް ގެންދެވޭނެ. އަޅުގަނޑުމެން މިކުރަނީ އެމަސައަކަތް މިހާރު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މަސްގަނެ ރައްކާ ކުރާނެ ގުދަންތައް ދެގުނަ ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ މ. މުލަކާ ގދ. ތިނަދޫ ހއ. އިހަވަންދޫގައި މަސްގަނެ ރައްކާކުރާނެ ގުދަންތައް މިހާރު ވެސް ހަދަމުން އަންނަ ކަމަށާއި މަހަށް ހަމަ އަގު ލިބޭނީ އޭރުން ކަމަށެވެ.

"ރާއްޖޭގެ މަހުގެ އަގު ކަނޑައަޅަން ޖެހޭނީ ދިވެހީން އެކަން ކުރެވޭނީ މިބާނާ މަސް ރައްކާކުރެވިގެން އެ ކޮންޓްރޯލް އަތުގައި ބާއްވައިގެން. މިމަސައްކަތް ނިމޭ އިރުގައި ރާއްޖޭގައި 10،000 ޓަނަށް ވުރެ ގިނައިން މަސް ރައްކާ ކުރެވޭ ގުދަންތައް ހުންނާނެ. އޭރުން ބޭރުގެ މާކެޓްތަކަށް މަސްވިއްކާނެ އަގު އަޅުގަނޑުމެންނަށް ކަނޑައެޅޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދު ވެސް މަސް ގަންނަމުން މިދަނީ އޭގެ ނުއަގުގައި ކަމަށާއި އެކަމަށް ހައްލު ހޯދުމަށް ބޭރުގެ ދެ ފަރަތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން އިނގިރޭސި ވިލާތާއެކު ހަދާ ފްރީ ޓްރޭޑް އެގްރިމެންޓް ނިމުމުން އިނގިރޭސި ވިލާތުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.