ރާއްޖޭގެ އިގްތިސޯދަށް ނަޒަރު ހިންގާލާއިރު، ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 28 ޕަސެންޓް ނުވަތަ އެއް ދާއިރާއަކުން އެންމެ ބޮޑު އާމްދަނީއެއް (އަހަރަކަށް ފަސް ބިލިއަން ޑޮލަރު) ދައުލަތަށް ވައްދައިދެނީ ޓޫރިޒަމް ދާއިރާއިންނެވެ. އަދި ހަމަ އެހެންމެ ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ 60 ޕަސެންޓަކީ ސީދާ ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ އެވެ.
އެހެންކަމުން ޓޫރިޒަމް ދާއިރާއަކީ ރާއްޖޭގެ އިހްތިސޯދުގެ ލޭނާރުކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އިގްތިސާދުގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ހިއްސާދާރުންކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ރެއާއި ދުވާލު ހިވާގިކަމާއެކު އެތައް ހާސް ދިވެހިންނެއް މަސައްކަތްކުރެ އެވެ. ކޮންމެ އަހަރަކު އަލަށް ހުޅުވާ ރިސޯޓްތައް އިތުރުވަމުންދާއިރު، މި ދާއިރާގައި މަސައްކަތްކުރާ ދިވެހިން އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ޖަޒީރާ ދިވެހިރާއްޖޭގެ 1،100 އަށް ވުރެ ގިނަ ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ އެންމެ 186 ރަށުގަ އެވެ. ރާއްޖެއަށް ޓޫރިޒަމް ތައާރުފްވެ، 50 އަހަރު ފުރިފައިވާއިރު، ރާއްޖޭގައި މިއަދު 166 ރިސޯޓް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އެހެންކަމުން ނިސްބަތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ދިރިއުޅޭ ރިސޯޓްތަކުގެ އަދަދާއި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދާއި މިދަނީ ހަމަހަމަވުމާ ގާތަށެވެ. ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުންދާ ނިސްބަތުން މީހުން ދިރިއުޅޭ ރަށްތަކަށްވުރެ ރިސޯޓްތަކުގެ އަދަދު ދުރު ނޫން މުސްތަގުބަލެއްގައި އިތުރުވެގެންދާނެކަމީ ފެންނަން އޮތް ހަގީގަތެކެވެ.
ސަރުކާރުގެ ރަސްމީ އިދާރާތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޓޫރިޒަމް ދާއިރާގައި 30,000 އަށް ވުރެ ގިނަ ދިވެހިން ވަޒީފާ އަދާކުރެ އެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގައި މަސައްކަތްތެރިންގެ އެންމެ ބޮޑު އާބާދީއަކީ ޓޫރިޒަމާ ގުޅުންހުރި ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. އަދި މިއީ ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީއަށް ވުރެ ބޮޑު އާބާދީއެކެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާލަތު
- ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އާއިލާއި ގާތްތިމާގެ މީހުންނާއި ދުރުގައި އެކަހެރި ރަށްތަކެއްގައި މަސައްކުރާ ބައެއް.
- ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަހަރެއްގެ ތެރޭގައި އާއިލާއާއެކު ހޭދަކުރުމަށް ލިބޭ ޗުއްޓީ ދުވަސްތަކުގެ އަދަދާއި, ސަރުކާރާއި ސަރުކާރު ހިއްސާވާ އެހެނިހެން ކުންފުނިތަކާއި, ސިޔާސީ މަގާމުތައް އަދާކުރައްވާ މުވައްޒަފުންނާއި, ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ލިބޭ ޗުއްޓީ ދުވަސްތަކާއި އަޅާ ބަލާއިރު ނިސްބަތުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ލިބޭ ޗުއްޓީ ދުވަސްތަކުގެ އަދަދު އިންތިހާއަށް މަދު.
- ވިހެއުމާ ގުޅިގެން ދޭ މެޓާނިޓީ ޗުއްޓީ ސަރުކާރު މުވައްޒަފުންނަށް 180 ދުވަހަށް އިތުރުކޮށްފައިވާއިރު, ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ލިބެނީ އެންމެ 30 ދުވަސް. ޕެޓާނިޓީ ލީވް ސަރުކާރުގެ މުވައްޒަފުންނަށް 30 ދުވަސް ލިބޭއިރު ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ލިބެނީ އެންމެ ތިން ދުވަހުގެ ޗުއްޓީއެއް.
- ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން, ދައުލަތުގެ މުވައްޒަފުން ނިސްބަތްވާ އެކި ދާއިރާތަކަށާއި, ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކުރެވިގެން މާލެ ސަރަޙައްދުން ބޯހިޔާވަހިކަމުގެ އެތައް ޕްރޮޖެކްޓެއް ހިންގަމުން ދާއިރުގައި, ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ނެތުން.
- ރިސޯޓްތަކުގެ ވަޒީފާތަކުގެ ތެރެއިން ދިވެހިންނަށް 50 ޕަސެންޓް ނުވަތަ އެއަށްވުރެ ގިނަ ވަޒީފާ ހާއްސަކުރުމަށް ގާނޫނު ލާޒިމު ކުރިނަމަވެސް މި ނިސްބަތް ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް ވުރެ މަދު އެތައް ރިސޯޓެއް ހިންގަމުން ދާއިރު, ސަރުކާރުން މިކަމަށް އެކަށީގެންވާ އަހައްމިއްޔަތުކަމެއް އަދި އެފަދަ ރިސޯޓުތަކާއި މެދު އެޅުނު ފިޔަވަޅެއް ނެތުން.
ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކުގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ބާކީކުރުން
ރިޔާސީ އިންތިހާބުގެ ވޯޓުލުން ފެށެން ކުޑަތަންވެފައިވާއިރު, ހިތާމައަކީ ރިޔާސީ ކެންޑިޑޭޓުންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށް ނިންމައި މެނިފެސްޓޯ އިއުލާނުކޮށް ނިންމާލީ ރިސޯޓުތަކުގައި ރެއާއި ދުވާލު އެތަކެއް ގުރުބާނީތަކާއި, އާއިލާއާ ދުރުގައި ހީވާގި ކަމައެކު މަސައްކަތްކުރާ, ގައުމުގެ އިގްތިސާދުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ބައިވެރިންގެ އިހްސާސްތަކާއި, އެ މުވައްޒަފުންގެ ކަންބޮޑުވުންތަކާއި ހައްޤުތަކާއި އެ މުވައްޒަފުންގެ މުސްތަޤުބަލަށް ކުޑަވެސް ހާއްސަކަމެއް ދީފައި ނުވުމެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕޭންގައި ޖުމްލަ ގޮތެއްގައި މުޅި ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުމުގައި އެތައްވަގުތެއް ހޭދަކޮށް އެތައް ފައިސާއެއް އެފަދަ ދަތުރުތަކަށް ހޭދަކުރެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު އަދި ގައުމުގެ އިގްތިސާދުގެ އެންމެ މުހިއްމު ބައިވެރިން ކަމަށްވާ ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންނާ ހަމައަށް ފާއިތުވި އެއްވެސް އިންތިހާބެއްގެ ކެމްޕެއިންގައި ރިޔާސީ ކެންޑިޑޭޓުން ދިޔުމަށް ވަނީ ނުކުޅެދިފަ އެވެ. ޓެކްސީ ޑްރައިވަރުންނާއި, މުނިފޫހިފިލުމުގެ ދާއިރާގެ ފަންނުވެރިނާއި, ޖަމިއްޔާ ޖަމާއަތްތަކުގެ މަސްއޫލުވެރިންނާއި, އެހެނިހެން އެކި އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ ކެމްޕޭން ރެލީތައް ނުވަތަ ޖަލްސާތައް ބާއްވައި, އެދާއިރާތަކުގެ މަސައްކަތްތެރީންނާއި ރިޔާސީ ކެންޑިޑޭޓުންނާއި ސިޔާސީ ވެރިން އެކި ފަހަރުމަތިން ބައްދަލުކޮށްފައިވާ ތަން ފެނެ އެވެ.
އެހެން ނަމަވެސް ރިސޯޓްތަކުގެ މުވައްޒަފުންގެ ގާތަށް އެ މުވައްޒަފުންގެ އަޑު އަހާލުން މުހިއްމުވި ހަމަ އެއްވެސް ކެންޑިޑޭޓަކު ނެތެވެ. ރިސޯޓްތަކަށް ކެމްޕޭނުކުރުމަށާއި އަދި ޚިޔާލު ހޯދުމަށް ދަތުރުފަތުރުކޮށް އުޅުމުގައި ހުރަސްތަކެއް ހުންނާނެ އެވެ. އެހެން ނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އެ ހުރަސްތައް ނައްތާލެވި, ފަސޭހަކަމާއެކީ އިންޓަނެޓުގެ ޒަރީއާއި އީ- މީޓިންތަކާއި އެހެނިހެން ގޮތްގޮތުން އެ މުވައްޒަފުންގެ ހިޔާލު ހޯދުމަށް ބޭނުންފުޅުނަމަ, އެކަން ކުރެވޭނެ ހުރިހާ މަގެއް އެބައޮތެވެ. އިންތިހާބުގެ ކެމްޕޭނުގައި މެނިފެސްޓޯތައް އިޢުލާނުކޮށް, ރިޔާސީ ވައުދުތަކުގެ ލިސްޓް ކޮޅެއް ނެތް މިންވަރަށް ގޮސްފައިވާއިރު, ރިސޯޓްތަކުގެ މުވައްޒަފުންނަށް ހާއްސަ ރިޔާސީ ވަޢުދެއް އަދި މުވައްޒަފުންގެ މުސްތަގުބަލާއި, އެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭނެ އެއްވެސް ސިޔާސަތެއް އިޢުލާނުކުރުމަށް ރިޔާސީ ކެންޑިޑޭޓުން ވަނީ ނުކުޅެދިފަ އެވެ. ފަހަރުގައި އެއީ ސިޔާސީ ޕާޓީތަކާއި ރިޔާސީ ކެންޑިޑޭޓުންނާއި, ސަރުކާރުގެ މައްޗަށް ޒަމާނުން ސުރެ ބާރުފޯރުވަމުންދާ ބާރުވެރި, ފައިސާވެރި ރިސޯޓުތަކުގެ ވެރިންނާއި, މުއްސަނދިންގެ ނުފޫޒުން އައިސްފައިވާ ނުކުޅެދުން ތެރިކަމަކަށް ވެދާނެ އެވެ.
ޓޫރިޒަމް ދާއިރާގެ މުވައްޒަފުން: މަސައްކަތްތެރީންގެ އެންމެ ބޮޑު އެއް އާބާދީ
ޓޫރިޒަމް ދާއިރާގައި މިވަތު އޮޕަރޭޓް ކުރާ 166 ރިސޯޓް އޮންނައިރު، މިއީ މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދާއި (186 ރަށް) ދާދި އެއް އަދަދެކެވެ. ސަރުކާރުގެ ހިސާބުތަކުން ދައްކާގޮތުގައި ރިސޯޓްތަކުގައި މަސައްކަތްކުރާ ވޯޓް ލުމުގެ ހައްގު ލިބިފައިވާ 20,000 އަށް ވުރެ ގިނަ ދިވެހިން މަސައްކަތްކުރެ އެވެ. މީގެ އިތުރުން, ސަފާރީތަކުގަ އާއި, އެއާޕޯޓް ރެޕްރެޒެންޓެޓިވުންނާއި, ޓޫރިސްޓުންނަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ހިދުމަތްދޭ އެހެނިހެން މަސައްކަތްތެރީންނާއެކު 30,000 ވުރެ ގިނަ ދިވެހިން މި ދާއިރާގައި މަސައްކަތް ކުރެ އެވެ. މިއީ ދިވެހިރާޖޭގެ އާބާދީ އަށް ބަލާއިރު, ރާއްޖޭގެ އެންމެ ބޮޑު އާބާދީ އެވެ. އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި ސިޓީ ފަދަ ބޮޑެތި އާބާދީތަކަށް ވުރެ ބޮޑު އާބާދީ އެކެވެ. އެހެން ކަމުން މިދާއިރާގެ މުވައްޒަފުންނާއި, އެމުވައްޒަފުން އާއިލާގެ ވޯޓާ ނުލައި އިންތިހާބެއް ކާމިޔާބު ކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެ އެވެ. މި ދާއިރާގެ މުވައްޒަފުންގެ ހައްގުތަކާއި, އެ މުވައްޒަފުންގެ މުސްތަގުބަލާއި, އެމުވައްޒަފުންނަށް ހާއްސަ ސިޔާސަތުތަކާއި, ހާއްސަ އިނާޔަތްތަކާއި, މަސައްކަތްތެރިންގެ ހަގިގީ މަންފާ ހޯދައި ނުދެވޭން ޖެހޭ އެއްވެސް ހުއްޖަތެއް ނެތެވެ.