އިންޓަރެސްޓް ބޮޑުކޮށް 300 މިލިޔަންގެ ބޮޑު ބޮންޑެއް އަވަސް އަރުވާލައިގެން ވިއްކަން އުޅޭ ކަމަށް ބުނާ ވާހަކަތައް އެމްޓީސީސީން ދޮގުކޮށްފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ދިޔަރެސް" ނޫހުގައި މި ކުންފުނިން "އަވަސް އަރުވާލައިގެން އެމްޓީސީސީން އިންޓަރެސްޓް ބޮޑުކޮށް 300 މިލިޔަނުގެ ބޮންޑެއް ވިއްކަނީ" މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި، ކުންފުނީގެ އިސްވެރިންނަށް ލިބފައިވާ އިތުބާރާއި، ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ ޢަމަލެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ބޮންޑު މެދުވެރިކޮށް ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން ފައިނޭންސް ރެއިސްކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައި ވާނީ ހަގީގަތުގައި މިދިޔަ މާޗު މަހު ކަމަށެވެ. އަދި ބޮންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ރެގިއުލޭޓް ކުރައްވާ ފައިނޭންޝަލް އިންސްޓްރުމަންޓެއްކަމުން، މިކަމުގެ އިދާރީކަންކަން ވޭތުވެދިޔަ ހަތް މަސްތެރޭ ފުރިހަމަކުރުމަށް ފަހު މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޕޯޓަލުން މި ބޮންޑުގެ ފުރިހަމަ މައުލޫމާތު ކޮންމެ ފަރާތަކަށް ވެސް އާންމުކޮށް ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
"މި ބޮންޑަކީ މި ކުންފުންޏަށް ލިބފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލްސް ހޯދުމުގެ ބޭނުމުގައި ލިސްޓްކޮށްފައިވާ ބޮންޑެކެވެ. އަދި މިބޮންޑު % 9.5 ގެ އިންޓަރެސްޓް ރޭޓަކީ މި ވަގުތު ރައްޖޭގެ ކޮމާޝަލް އެވަރެޖް ބްރޯވިން ރޭޓާ އަޅާބަލާއިރު ވަރަށް ކުޑަ ރޭޓެއް،" ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޓީސީސީގެ ބަޔާނާ އެކު ފިކްސްޑް އިންކަމް ބޮންޑެއް ލިސްޓުކުރުމަށް ކޮށްފައިވާ މަސައްކަތުގެ ޓައިމްލައިން ވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ދިވެހި ރާއްޖޭގައި ކުރިއަށްދާ ޒަމާނެއްގައި، ހަގީގަތް އޮޅުވާލުމަށް ނޫހުގައި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް މިފަދަ ހަޤަގތާ ހިލާފު ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނާތަހުޒީބީ ޢަމަލެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.