ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އަންގަވައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ނެރުނު ބަޔާނުގައި ވަނީ އިންތިޤާލީ މަރުޙަލާގައި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުން ވިޔަފާރި ކުރާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލު ކުރަންވީ ގޮތްތައް ހާމަކުރައްވާފަ އެވެ.

އެގޮތުން، ކުންފުނިތަކުން އަލަށް އެއްވެސް ޕްރޮޖެކްޓެއް ނުފެށުމާއި، ބޮޑު ހަރަދު ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރުމަށްވަނީ އަންގަވާފަ އެވެ. އަދި ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ގަވާއިދުތަކާއި އުސޫލުތައް ނިންމުންތަކަށް ބަދަލެއް ނުގެނައުމަށާއި، މުވައްޒަފުންނަށް މުސާރައާއި އިނާޔަތާއި ދިނުމަށް ކަނޑައެޅިފައިވާ އުސޫލްތަކާއި މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި، ކުންފުނިތަކުގެ މުވައްޒަފުންނާއި ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލު ނުގެނައުމަށާއި، ކުންފުނީގެ ވަޒީފާގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށްވެސްވަނީ އަންގަވާފަ އެވެ.

އިންތިޤާލީ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެއްވުމަށާއި، އެކޮމިޓީއަށް ބޭނުންވާ ލިޔެކިއުންތަކާއި، މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސާދެއްވުމަށްވެސް ޕްރައިވެޓައިޒޭޝަން ބޯޑުން ކުންފުނިތަކަށްވަނީ އަންގަވާފަ އެވެ. އަދި އިންތިޤާލ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށާއި، ޒިންމާދާރު އަދި ހާމަކަންބޮޑު ގޮތެއްގައި ކުންފުނިތަކުގެ ނިންމުންތައް ނިންމުމަށް ކުންފުނިތަކުގެ ބޯޑުތަކަށްވަނީ އަންގަވާފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން އިންތިޤާލީ ކޮމެޓީގެ އެންމެ އިސް ފަރާތަކަށް ހަމަޖައްސަވާފައިވަނީ، ޕީޕީއެމް/ޕީއެންސީގެ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. މިހާރުގެ ސަރުކާރުގެ ފަރާތުން އިންތިޤާލީ ކޮމިޓީގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރެވެ.