އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ވޯލްޑް އޮފް ޓުމޯރޯ (ޑަބްލިއުއޯޓީ) ގުޅިގެން ރާއްޖޭގައި މާސްޓާ ކްލާސްތަކެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި އައިސިއެފްގެ މާސްޓާ ކްލާސްތަކެއް ބާއްވާ މިއީ ފުރަތަމަ ފަހަރު އެވެ.

އައިސީއެފްގެ މާސްޓާ ކްލާސް އޮންނާނީ މި މަހުގެ 23 އިން 25 އަށް ވިލާ ނޯޓިކާގަ އެވެ.

މި މާސްޓާ ކްލާސްތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ އެވެ. އޭނާ އަކީ ދުނިޔޭގެ އެކި ޖަމިއްޔާތަކަށް ކޯޗުކަން ކޮށްދެެއްވާފައިވާ މީހެކެވެ. އަދި ކުންފުނިތަކުގެ ތެރޭގައި ކޯޗިންގެ ސަގާފަތް އާލާކުރުމަށް އެކުލަވާލައިފައިވާ އައިސީއެފްގެ ބިޒްނަސް ޔުނިޓް ހިންގުމުގައި އެންމެ އިސް ސާފު ގައި ވެސް ރޮބަޓް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

ޑަބްލިއުއޯޓީ އިން ބުނި ގޮތުގައި މި މާސްޓާ ކްލާސްތައް ވެގެންދާނީ ވާދަވެރި ކުރިއެރުމެއް ހޯދުމާއި، ލީޑަޝިޕްގެ ހުނަރު އިތުރުކުރުމާއި، ތަރައްގީވަމުން އަންނަ މަންޒަރަށް ހޭނުމަށް ލިބޭނެ ފުރުސަތަކަށެވެ.

ވޯލްޑް އޮފް ޓުމޯރޯ އިން ބުނި ގޮތުގައި މިއީ އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ވަރަށް އަގުހުރި ފުރުސަތަކަށް ވާނެ އެވެ. އަދި ޕަބްލިކް، ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ބޭފުޅުން މި މާސްޓާ ކްލާސްތަކުގައި ބަރިވެރިވުމަށް "ވޯލްޑް އޮފް ޓޫމޯރޯ" އިން ބާރުއަޅަ އެވެ.

އައިސީއެފްއަކީ ޕްރޮފެޝަނަލް ކޯޗިންއަށް އަމާޒުކޮށް 1995 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ އެވެ. މި ޖަމިއްޔާ އެކުލެވިގެންވަނީ 170 އަށް ވުރެ ގިނަ ގައުމާއި ސަރަހައްދުތަކުގައި މަސައްކަތް ކުރާ 60،000 އަށްވުރެ ގިނަ މެމްބަރުންގެ މައްޗަށެވެ.

އައިސީއެފް އިން މަސައްކަތް ކުރަނީ ކޯޗިން ދާއިރާ ހަރުދަނާކޮށް، ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމެވެ.