ދިވެހި ޑިވެލޮޕަރުން މަަސައްކަތްކުރާ ލޮޓީފައިލްސްއަށް މައިކްރޯސޮފްޓުން އިންވެސްޓްކޮށްފި އެވެ.
އެމެރިކާގެ ސެންފްރެންސިސްކޯ އާއި މެލޭޝިއާގައި ހިންގާ ލޮޓީފައިލްސް ޕްލެޓްފޯމަކީ ލޮޓީ ފޯމެޓް ބޭނުންކޮށްގެން އެނިމޭޝަން ހަދަން ޑިޒައިން އިންޑަސްޓްރީ އަށް ގެނެސްދިން ވަރަށް ބޮޑު ލުޔެއް ކަމަށް ޓެކްނޮލޮޖީ ދާއިރާގެ މީހުން ސިފަކުރެ އެވެ. އެތަނުގެ ހިދުމަތް މިހާރު ދުނިޔޭގެ އެއްމިލިއަނަށް ވުރެ ގިނަ މީހުންނާއި 65،000 އަށް ވުރެ ގިނަ ކުންފުނިން ބޭނުންކުރެ އެވެ.
ލޮޓީފައިލްސްގެ ހިދުމަތް ގޫގްލް އާއި އެއާބީއެންބީ، ޓިކްޓޮކް، ޑިސްނީ، ނެޓްފްލިކްސް އިން ވެސް ބޭނުންކުރެ އެވެ.
ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ޓެކްކްރަންޗް ވެބްސައިޓްގައި ބުނެފައި ވަނީ ބޮޑު ބައި މައިކްރޮސޮފްޓްގެ ވެންޗާ ފަންޑު އެމް12 އިން ދީގެން ލޮޓީފައިލްސް އިން ނުވަ މިލިއަން ޑޮލަރުގެ ފަންޑިން ދޭނެކަން އިއުލާންކުރީ މިއަދެވެ. އޭގެ ތެރޭގައި "500 ސްޓާޓްއަޕްސް"ގެ ހިއްސާއެއް ވެސް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.
ދެހާސް އަށާރަވަނަ އަހަރު އުފެއްދި ލޮޓީފައިލްސްގެ އެއް ކޯ-ފައުންޑަރު އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) ނަސްރުﷲ އަދުނާން (ނައްޓު) ވިދާޅުވީ ލޮޓީފައިލްސް އިން މަސައްކަތްކުރަމުން އަންނަނީ ލޮޓީ އަކީ ޖޭޕެގް އަދި އެމްޕީ3 ފަދަ ފޯމެޓްތަކެކޭ އެއްގޮތަށް މުޅި ދުނިޔޭގައި އެންމެން ހުރިހާ އެއްޗެއްގައި ވެސް އާއްމުކޮށް ބޭނުންކުރާ ފޯމެޓަކަށް ހެދުމަށެވެ. އަދި މިއީ އެ ކުންފުނިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޮޓީ ފައިލްސްގައި ދިވެހި 11 ޑިވެލޮޕަރުން މިހާރު ވެސް މަސައްކަތްކުރެ އެވެ. މީގެ ތެރެއިން ބައެއް މީހުން ރާއްޖޭގައި ތިބެގެން ވެސް މަސައްކަތްކުރާ ކަމަށް ނައްޓު ވިދާޅުވި އެވެ.
ލޮޓީ ފައިލްސްގެ ކޯ ފައުންޑަރުންގެ ގޮތުގައި ހިމެނެނީ ނައްޓުގެ އިތުރުން މެލޭޝިއާގެ ސީއީއޯ ޝިތިޖު މިންގްލާނީ އެވެ.
ލޮޓީފައިލްސް އިން ހޯދި ކާމިޔާބީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.