ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހަމަޖައްސައި ދިން ފައިސާ އަކީ މި ސަރުކާރުން ހޯދި ފައިސާއެއް ނޫން ކަމަށާއި އެއީ އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ހަމަޖެހުނު ފައިސާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ވަޑައިގެންފަ އެވެ. އެއަށް ފަހު ނޫސްވެރީންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ޔޫއޭއީގެ ފަންޑު ހަމަޖެހިގެން ދިޔައީ ސީދާ އެމަނިކުފާނު އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. އަދި އެއީ ކުރީން ކުރެވިފައިވާ މަޝްވަރާއަކާއި އެއްވެސް ގުޅުމެއް އޮތް ނިންމުމެއް ނޫން ކަމަށް ވެސް ޑރ.މުއިއްޒު ވިދާޅުވި އެވެ. އަދި އެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ޔޫއޭއީގެ ފަންޑު ހަމަޖެހިފައިވާކަން އިއުލާނު ކުރެއްވީ އެކަމުގެ ހުއްދަ ހޯއްދަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ސީދާ އަބޫދާބީގެ ސަރުކާރުގެ އިސް ބޭފުޅުންނާއެކީގައި ބޭއްވި ބައްދަލްވުމުގައި އަޅުގަނޑު ހުށައަޅައިގެން އެބޭފުޅުން އެގޮތަށް ނިންމަވައިދެއްވައިގެން އިތުރު 80 މިލިއަން ޑޮލަރު ލިބޭ ގޮތަށް އެ އޮތީ ހަމަޖެހިފައި އަބޫދާބީ ފަންޑުން. އެއީ އެ ބައްދަލްވުމުގައި ހުށައެޅި ނިމުނު ކަމެއް. އޭގެ ކުރިއަކަށް އެއްވެސް ކަމެއް ކުރެވި ނިމިފައި އޮތް ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ ޔޫއޭއީގެ ފަންޑާއި ސައުދީ ސަރުކާރުން ލިބުނު 100 މިލިއަން ޑޮލަރާ އެކު ވީއައިއޭ މަޝްރޫއު ނިންމުމަށް މިހާރު އެއްވެސް ގޮންޖެހުމެއް ނެތް ކަމަށެވެ. މިވަގުތަށް އޮތް ގޮންޖެހުމަކީ ވީއައިއޭ މިހާރު އޮތް ތާރީހަށް ވުރެ ކުރީން ނިންމަން ކުރަން ޖެހޭ މަސައްކަތް ކަމަށް ވިދާޅުވި ޑރ. މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން ކަން އެބައޮތް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާ ގޮތަށް ކުރިޔަށް ގެންދާއިރު ފަންޑު ހޯދުމަކީ މާ ބޮޑު ކަމަކަށް ނުވާނެ. އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނެތް މި މަޝްރޫއު ނިންމުމަށްޓަކައި ފައިސާ ހަމަޖެއްސުމަށް،" މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބީ ރައީސް ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރީން ވީއައިއޭއަށް ޒިޔާރަތް ކުރެއްވީ އެ މަޝްރޫއު ނިންމުމުގެ މުހިންމުކަން ބޮޑު ކަމުން ކަމަށެވެ.
ދެ ފަހަރެއްގެ މަތިން ބިން ލާދިން ކުންފުންޏާ ބައްދަލުކުރެއްވި ކުރެއްވުމާއި އިންތިޤާލީ މަރުހަލާގައި އެއްކުރެވުނު މައުލޫމާތަށް ބަލާއިރު މިހާރު މަޝްރޫއު ހިނގާ ގޮތަށް ހިނގައިގެން މަޝްރުއު ނިމޭނީ 2025 ވަނަ އަހަރުގެ މެދުތެރޭގައިކަން ފާހަގަކުރައްވައި ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މަޝްރޫއު ނިންމައި، ނޮވެންބަރު މަހުގައި އެއާޕޯޓުގެ އާ ފެސިލިޓީތައް ބޭނުންކުރަން ފެށުން ކަމަށެވެ.
ޓާމިނަލުގެ މަސައްކަތް ނިމެންވާއިރަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދިވެސް ހުރީ މަސައްކަތް ނުފެށި ބަޔަކާވެސް ހަވާލުނުކުރެވިކަމުގައި އިންތިހާބީ ރައީސް ވިދާޅުވި އެވެ. އެގޮތުން ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ މަސައްކަތުގެ ދާއިރާގެ ބޭރުން ކުރަންޖެހޭ ކަންކަމުގެ ތެރެއިން ސާވިސް ރޯޑު ހެދުމާއި، ޑިއުޓީ ފުރީ ސަރަހައްދު ތައްޔާރުކުރުން ފަދަ މަސައްކަތްތައް މިހާތަނަށް އެއްވެސް ބަޔަކާ ހަވާލުކޮށްފައި ނެތްކަން ފާހަގަކުރެއްވި އެވެ.
އެގޮތުން ސާވިސް ރޯޑުގެ މަސައްކަތް ނިންމުމަށް 10 ވަރަކަށް މަސް ހޭދަވާނެކަން ފާހަގަކުރައްވައި އިންތިހާބީ ރައީސް ވިދާޅުވީ އެ މަސައްކަތަކީ މިހާރުން މިހާރަށްވެސް ހަވާލުކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އޮންނަ އުސޫލުތަކުގެ ތެރެއިން ސާވިސް ރޯޑާއި ޑިއުޓީ ފުރީގެ މަސައްކަތް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި އޭގެ އިތުރަށް ޖެޓް ޓާމިނަލެއް ހެދުމާއި، އޭޕްރަން ބޮޑުކުރުމާއި، ޕާކިން މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ރަނގަޅަށް ޓާމިނަލްގެ ބޭނުންހިފުމަށް ކުރަންޖެހޭ މަސައްކަތްތައްކަން ފާހަގަކުރައްވައި އެ މަސައްކަތްތައްވެސް ބަޔަކާ ހަވާލުކޮށްފައި ނެތުމުން އެކަންކަންވެސް ބަޔަކާ ހަވާލުކުރައްވައި އެހުރިހާ މަސައްކަތެއް އެކުއެކީގައި ކުރިއަށްގެންދަވާނެ ކަމުގައި އިންތިހާބީ ރައީސް ވިދާޅުވި އެވެ.
"ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޕެރަލަލީ މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައި، އަޅުގަނޑަށް ޔަގީންކަން އެބައޮތް 2024 ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް ނިންމާލައި، ނޮވެންބަރުގައި ބޭނުންކުރެވޭނެކަން. ވަރަށް ގިނަ މަސައްކަތް އެބަހުރި މިތަނުގައި ކުރަންޖެހޭ. މިމަޝްރޫއު ނިންމުމަށް ކޯޑިނޭޝަން މަސައްކަތްތަކެއް ކުރެވިގެންދާނެ،" އިންތިޚާބީ ރައީސް ވިދާޅުވި އެވެ.
ވީއައިއޭ މަޝްރޫއަކީ އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އެއާޕޯޓްގައި ހަދާ އެންމެ މުހިންމު އިމާރާތް ކަމަށްވާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ.