ފެނަކައިން އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ފެނުގެ ހިދުމަތް ކަނޑާލައިފި އެވެ.
ފެނަކަ އޮފީސް ހިންގަމުން އަންނަނީ ޕޯޓްސް ކޮމްޕްލެކްސްގައި އެވެ.
ފެނަކަ އޮފީހުން ފެން ކަނޑާލާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. މިކަމާ ގުޅޭ ގޮތުން އެމްޑަބްލިޔުއެސްސީން ބުނީ އެ ކުންފުނިން ފެނަކަ އޮފީހުން ފެން ކަނޑާލާފައިނުވާނެ ކަމަށެވެ. ފެނަކަގެ ފެން މީޓަރެއްގައި އެމްޑަބްލިޔުއެސްސީން ތަޅު އަޅުވާފައިނުވާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާތާ މިހާރު ފަސް އަހަރު ވެއްޖެ އެވެ. އަދި އެ ފައިސާ ދެއްކުމަށް އެމްޕީއެލްއިން އެދުނު ނަމަވެސް ފެނަކައިން އެފައިސާ ދައްކާފައެއް ނުވެ އެވެ.
ފެނަކައިން ގިނަ ބަޔަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރި މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން، ތެޔޮ ގަތުމަށް ފަހު އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ހުރި މައްސަލަ ބޮޑުވެ، އެންމެ ފަހުން އެ ފައިސާ ދައްކާފައިވަނީ އެމްއައިބީން ނެގި 400 މިލިއަނުގެ ލޯނަކުންނެވެ.
މީގެ އިތުރުން، އަމިއްލަ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންނަށް ލިބެންޖެހޭ ފައިސާގެ 1.4 ބިލިއަން ރުފިޔާ ހުރި ކަމަށާއި، އޭގެ ތެރޭގައި ދޮޅު އަހަރެއްހާ ދުވަސްވެފައި ހުރި ބިލްތައް ހުރި ކަމަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވިދާޅުވެފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަނާ ގުޅޭ ކޮރަޕްޝަންގެ 75 މައްސަލައެއް މިހާރުވެސް އެންޓިކޮރަޕްޝަން ކޮމިޝަން އޭސީސީ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ހޯދަން ވެސް އޭސީސީ އިން ވަނީ އެ ކުންފުންޏަށް އަންގައިފަ އެވެ.