އެމްޓީސީސީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން އެކުންފުނީގައި ގިނަ ދުވަސްވީ މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އެމްޓީސީސީގެ އޮނިގަނޑު ބަދަލުކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. އެހެން ނަމަވެސް މިބައްދަލުވުމުގައި އެކުންފުނީގެ ތިން ޑިރެކްޓަރުން ބައިވެރިވެފައިނުވެ އެވެ.
އެމްޓީސީސީގެ އޮނިގަނޑަށް ގެނަވުނު ބަދަލާއެކު ޗީފް އޮފިސަރު ލެވެލްގެ ހަތް މަގާމެއް ވަނީ އުފައްދާފަ އެވެ. އަދި މީގެ އިތުރުން އެ ކުންފުންޏަށް ވަނީ ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރައްވާފަ އެވެ. ޑެޕިއުޓީ މެނޭޖިން ޑިރެޖްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ސްޓެލްކޯގެ އެމްޑީ ހަސަން މުގުނީ އާއި މުހައްމަދު ޖަމްޝީދެވެ.
އަދި މީގެ އިތުރުން ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ހުސައިން ނައުފަލް ނަސީރު ވަނީ އައްޔަން ކޮށްފަ އެވެ. ނައުފަލް މީގެ ކުރިން ހުންނެވީ އެކުންފުނީގެ ގުދަންތަކުން ތަކެތި ދޫކުރުމުގަ އެވެ.
އެމްޓީސީސީގެ ސީއޯކަމަށް އަބްދުﷲ ޒިޔާދު އައްޔަންކުރި ފަހުން އެކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ.
އެނގިފައިވާ ގޮތުން މި ކަމަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތްކުރި ތަޖުރިބާކާރުންނާއި، ގިނަ ދުވަސްވީ މުވައްޒަފުން އެކަމަކާމެދު ވަރަށް ބޮޑަށް ނުރުހޭ ކަމެކެވެ. ކުންފުނީގެ އޮނިގަނޑަކީ އިތުބާރާއެކު ހިދުމަތް ދިނުމަށް މުހިންމު ކަމަކަށް ވާއިރު، ސިޔާސީ ބޭނުމަކަށް އެކަމަށް ބަދަލުގެންނަކަމަށްވެސް ބައެއް މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ އިތުރުން އޯލެވެލް ފެންވަރު ހުރި އަދި ތަޖުރިބާއެއްވެސް ނެތް ފަރާތްތަކަށް ޖެނެރަލް މެނޭޖަރުންގެ މައްޗަށް ވަކި މަގާމެއް އުފައްދާ ޕްރޮމޯޝަން ދޭ ނިންމާފައިވާތީ ގިނަ މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ވެރިކަން ބަދަލުވާއިރު ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރި މުވައްޒަފުން ވަޒީފާއިން ވަކިކުރާތީވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނިމިގެން ދިޔަ ވެރިކަމުގައިވެސް އެމްޓީސީސީގެ އޮނިގަނޑަށް ވަނީ ވަރަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެއީ އެތަނުގެ ސީއީއޯއަކަށް އާދަމް އާޒިމް އައްޔަން ކުރުމާއެކު އެވެ. އެގޮތުން އާޒިމާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށް ވަޒީފާ ދިނުމަށް އެކި މަގާމުތައް އުފެއްދިކަން ފާހަގަ ކޮށްލެވެ އެވެ.