ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ޓޮބްލެރޯން ބްރޭންޑްގެ ޗޮކްލެޓް ރާއްޖެއަށް އެތެރެވެފައި ވާތީ އެ ޗޮކުލެޓް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
ޓޮބްލެރޯން ޗޮކްލެޓް ރާއްޖެ އެތެރެކޮށް އާއްމުކޮށް ވިއްކަނީ ޔޫރޯ މާކެޓިން އިންނެވެ. އަދި މިއީ ރާއްޖޭގައި ވަރަށް އާއްމުކޮށް ވިއްކާ ބްރޭންޑްގެ ޗޮކްލެޓެކެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ސްވިޒަލޭންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކު ޗޮކްލެޓުގެ، ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ބެޗެއް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އަދި ޑަބްލިޔުއެޗްއޯގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރޮޓީސް ނެޓްވޯކް މެދުވެރިކޮށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.
ޗޮކުލެޓު ޕްލާސްޓިކުން ތަޣައްޔަރުވެފައި ވަނީ ޗޮކްލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާ ހެދި ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެ އެވެ. އެކަމުގެ ސަބަބުން ކަރުގައި ޕްލާސްޓިކް ކޮޅެއް ތާށިވުން ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަމަށް އެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ދަށުން ހަ ލޭބަލެއްގައިވާ ޓޮބްލެރޯން މިލްކް ޗޮކްލެޓު އެތެރެނުކުރުމަށާއި ނުވިއްކަން އެ އޮތޯރިޓީން ވަނީ އަންގާފަ އެވެ. އެ މައްސަލަ ދިމާވި ޓޮބްލެރޯން މިލްކް ހަނީ އަދި އާމަންޑް މުއްދަތު ހަމަވާނީ 1 ސެޕްޓެމްބަރު 2024 ގަ އެވެ. ޓޮބްލެރޯން މިލްކް ޗޮކްލެޓު އުފެއްދީ 1 ސެޕްޓެމްބަރު 2023 ގަ އެވެ.