ތިރީސް އަހަރަށް ފަހު، ވ. ފެލިދޫގެ ބާ އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި، އެ ރަށުގައި ސްޓެލްކޯއިން ގާއިމްކުރި އައު ޒަމާނީ އިންޖީނުގެއިން ރަށަށް ކަރަންޓު ދޭން ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެލިދޫއަށް ވަޑައިގެން އެރަށު ބައު އިންޖީނުގެ ނިއްވާލަދެއްވީ، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
އެ ރަށަށް ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި، ސްޓެލްކޯ އިން ބުނީ ފެލިދޫ ބާ އިންޖީނުގޭގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލިއިރު، އެ ޖަނަރޭޓަރުތަކުގެ ގަދަ އަޑާއި ދުން ވަނީ ރަށުގެ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފަކަށް ވެފައިވާ ކަމަށެވެ.
ފެލިދޫ އާ އިންޖީނުގޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔާ ފައިޓިންއާއި، ސައުންޑް ޕްރޫފިން އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިން ހޯލެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ ކަސްޓަމާ ސާވިސް ބިލްޑިންއަކާއެކު، އަޅާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ބާ އިންޖީނުގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމާ ގުޅިގެން ރަށުގެ ކައުންސިލުން ވެސް އެކަން ފާހަގަކޮށް، މިއީ ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ލިބުނު ބޮޑު ލުޔެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބާ އިންޖީނުގޭގެ ޚިދުމަތް ދޭން ފަށާފައި ވަނީ 31 ޖަނަވަރީ 1994 ގަ އެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 - 12 ކިލޯވޮޓު ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯ އިން ބުނީ 2014 ވަނަ އަހަރު ފެލިދޫ އިންޖީނުގެ ސްޓެލްކޯއާއި ހަވާލުކުރުމާއި ގުޅިގެން ރަށުގެ ކަރަންޓު ޑިމާންޑަށް ބަލައި، ސްޓެލްކޯއިން އައީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއިއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސްޓެލްކޯ އިން ބުނީ މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓު ކަމަށެވެ.
ފެލިދޫގައި ސްޓެލްކޯއިން ގާއިމްކޮށްފައިވާ އިންޖީނުގެއަކީ ޒަމާނީ އަޑުމަޑު، ކަސްޓަމާ ސާވިސް އިމާރާތަކާއެކު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކާއި އެކު އަޅާފައިވާ އިންޖީނުގެ އެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.