އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހު ހަތެއްގައި ބޭއްވުމަށް ނިންމައިފި އެވެ.
އުރީދޫއިން ބުނީ މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓާ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ހުޅުމާލެ ސެންޓްރަލް ޕާކަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށެވެ.
ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނީ 200 ހިއްސާދާރުންނަށް ކަމަށް އުރީދޫން ބުނެ އެވެ. އަދި މީގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
މި އަހަރުގެ ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 5 މާޗުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓާ ކުރާ ފަރާތްތަކަށް އެކަނި އެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރި ވުމުގެ އިތުރުން ހުސްވި އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި ފެށޭ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އުރީދޫއިން ބުނެ އެވެ.
މި ޖަލްސާގައި، ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރުން ފިޔަވައި، އެހެން ހުރިހައި އެޖެންޑާ އައިޓަމަކަށް އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ލެވޭނެ އެވެ. ކުންފުނީގެ ހިންގާ ގަވާއިދުގެ 110 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން، މެޖޯރިޓީ ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑްއެލްއެލްސީ އަށް ހަތް ޑިރެކްޓަރުން، ބޯޑަށް އައްޔަންކުރުމުގެ ބާރު ލިބިދީފައިވާތީ، އެޖެންޑާ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރަން ވޯޓުލުމުގެ ފުރުސަތު ލިބިގެންދާނީ ހަމައެކަނި ވަތަނިއްޔާއަށެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށައެޅޭނެ އެވެ. އަދި، ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ، "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށައަޅަންޖެހޭނެ އެވެ.
ރަޖިސްޓާ ކުރުމަށް އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓާ ކުރެވޭނެ އެވެ. ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް އިން ލިބޭނެ އެވެ.
ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ސެންޓްރަލް ޕާކަށް ގޮސް ރަޖިސްޓާ ކުރުމަށް އުރީދޫއިން ވަނީ އެދިފަ އެވެ. ރެޖިސްޓާ ކުރާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއްނަމަ ޕާސްޕޯޓު ބޭނުންވާނެ އެވެ.