ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާ ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (ވިޒިޓް މޯލްޑިވްސް) ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފި އެވެ.

2024 ވަނަ އަހަރުގެ ޖޫން މަހު އެ މަގާމަށް އައްޔަންކުރެއްވި ޝިއުރީ، ކުއްލި ގޮތަކަށް މަގާމުން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މި ވެރިކަމުގައި ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވި ދެވަނަ ބޭފުޅަކީ ޝިއުރީ އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ޝިއުރީ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ 'ވިޒިޓް މޯލްޑިވްސް އިޔާ' ގެ ރަސްމީ ޝިއާރެއްގެ ގޮތުގައި ކަނޑައެޅި 'އައިލެންޑާސް އާ އަސް' ސްލޯގަންއާ މެދު އާންމުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ބައެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.