މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 1.79 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފި އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 1.2 ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ.
މީރާއިން ބުނި ގޮތުގައި، 2020 ވަނަ އަހަރުގެ ޖެނުއަރީމަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ޖަމާކުރި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރު ދަށްވެ، ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށްވުރެ މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމުންނެވެ. މިގޮތުން، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައިކަމަށް އެ އޮތޯރިޓީން ބުންޏެވެ. ނަމަވެސް، ޓޫރިޒަމް ދާއިރާގެ އިގްތިސާދު މިހާރު ރަނގަޅުވަމުން އަންނާތީ، ޓީޖީއެސްޓީގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުން އަންނަ ކަމަށް މީރާއިން ފާހަގަކުރެ އެވެ.
މިދިޔަ މަހު މީރާއަށް ޖަމާކުރި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 43.4 ޕަސެންޓް ނުވަތަ 777.46 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. އެއީ 41.0 ނުވަތަ 734.60 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި ޖަމާކުރި 57.35 މިލިއަން ރުފިޔާ (3.2 ޕަސެންޓް)، ޓޫރިޒަމް ލޭންޑް ރެންޓް ގޮތުގައި 52.34 މިލިއަން ރުފިޔާ (2.9 ޕަސެންޓް)، ބީޕީޓީގެ ގޮތުގައި 45.57 މިލިއަން ރުފިޔާ (2.5ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 123.35 މިލިއަން ރުފިޔާ (6.9ޕަސެންޓް) ހިމެނެ އެވެ.
މިދިޔަ މަހު ޖަމާކުރި އާމްދަނީގެ ތެރޭގައި 46.01 މިލިއަން ޑޮލަރު ހިމެނެ އެވެ.