ބާޒާރުގައި ލުނބޯ އަގު ދަށްވެ، އޮރެންޖް ވިއްކާ އަގު އުފުލިއްޖެ އެވެ.

މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ އަގުތަކަށް ބަލާއިރު އޮރެންޖެއް މިހާރު ލިބެން ހުރީ އަށް ރުފިޔާ އާއި ދިހަ ރުފިޔާ ދެމެދުގަ އެވެ.

މާރުކޭޓުގައި ތަކެތި ވިއްކާ މީހަކު ބުނީ މިހާރު އޮރެންޖުގެ އަގު އުފުލިގެން އުޅެނީ ބާޒާރުގައި އޮރެންޖު ބޭރުން ލިބުމުގެ ދަތިތަކެއް ހުރުމުން ކަމަށެވެ. އަދި ހޯލްސޭލްކޮށް އޮރެންޖު ވިއްކާ ފަރާތްތަކުން އަގު ބޮޑުކުރުމާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

އޮރެންޖެއް ވިއްކާ އަގު ބާޒާރުގައި އުފުލިގެންދިޔައިރު ރޯދަ މަސް ފެށުނުއިރު އަގު ބޮޑުކޮށް ލިބެންހުރި ލުނބޯ ކިލޯ ވިއްކާ އަގު ވަނީ ދަށްވެފަ އެވެ. އެގޮތުން މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއް އުޅެނީ 60ރ. އާއި 65ރ. ދެމެދު އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު ބާޒާރުކުރަނީ. ރޯދަމަހާ ދިމާކޮށް އާއްމުކޮށް މޭވާ އާއި ތަރުކާރީގެ އަގު ވަރަށް ބޮޑަށް އުފުލޭ. ފޮޓޯ: މުހައްމަދު ޝަރުހާން | ހުރިހާ

މިއަދު ވެސް މާރުކޭޓުގައި ރޯދަ މަހު ފަނި ގިރުމަށް އާންމުކޮށް ބޭނުންކުރާ މޭވާގެ ބާއްވަތްތައް ގިނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ ކަރާ ކިލޯއެއް މިއަދު ލިބެން ހުރީ 15ރ. އާއި 18ރ. އަށެވެ. އަދި ކުރުނބައެއް ލިބެން ހުރީ 30ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ދިވެހި އަނބު ކިލޯއެއް 120ރ. އަށް ލިބެންހުރިއިރު، އިންޑިއާ އަދި ތައިލެންޑް އަނބު ކިލޯއެއް ލިބެން ހުރީ 100ރ. އާއި 130ރ. އަށެވެ.

ޖުމްހޫރީ މޭވާ ކިލޯއެއް 140ރ. ލިބެންހުރިއިރު އަލަނާސި ކިލޯއެއް 65ރ. އަށް ލިބެން ހުއްޓެ އެވެ.

މާލޭގެ ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި މޭވާ އާއި ތަރުކާރީތަކެއް މީހަކު ބަލަނީ. ފޮޓޯ: މުހައްމަދު ޝަރުހާން | ހުރިހާ

ފޭރު ކިލޯއެއް 85ރ އަށް ލިބެން ހުރިއިރު، މެންޑަރިން ކިލޯއެއް ލިބެން ހުރީ 65ރ. އާއި 70ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ބާޒާރުގައި ކަނޑޫދޫ މިރުހުގެ އިތުރުން ލާމު މިރުސް ހުރިއިރު، ލާމު މިރުހުގެ 100 ގްރާމު 70ރ. އަށް ލިބެން ހުއްޓެވެ. އަދި ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 80ރ އަށެ އެވެ.

މީގެއިތުރުން ކާށީގެ އަގު 4ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ގަބުޅިއެއް ލިބެން ހުރީ 15ރ. އަށެވެ.

ފަބާޒާރުގައި ކެރެޓު ކިލޯއެއް 35ރ. އަށް ހުރިއިރު، ކެބެޖު ކިލޯއެއް ހުރީ 45ރ. އަށެވެ. އަދި ތޮރާ ކިލޯއެއް 25ރ. އަށް ލިބެން ހުރިއިރު ބަޓާނާ ކިލޯއެއް ލިބެން ހުރީ 35ރ. އަށެވެ.