މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ރިސްޓްރަކްޗާ ކޮށް، މާކެޓިންއަށް ކުރާ ހޭދަ މިހާރަށް ވުރެ ތިންގުނަ އިތުރުކޮށް، މިހާރު ސަރުކާރުން ގެންގުޅެމުންދާ ޒަމާންވީ އެސްއޯއީ މޮޑެލް މުޅިން ބަދަލުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މަޓާޓޯއިން އިލްތިމާސްކޮށްފި އެވެ.
މަޓާޓޯ އިން ބުނީ ދައުލަތުގެ ޖީޑީޕީ 12 ބިލިއަން ޑޮލަރަށް ވާސިލްކުރުމަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި، އަދި ރާއްޖޭގެ ޢިގްތިސާދު ޓޫރިޒަމް ސިނާޢަތަށް މިހާ ބޮޑަށް ބަރޯސާވެފައިވާއިރު، ޓޫރިޒަމް އިޝްތިހާރުކޮށް ކުރިއެރުވުމަށް އިތުރު އަހައްމިއްޔަތެއް ދިނުމަކީ ދެމެހެއްޓެނިވިކޮށް މި ސިނާއަތް ފުޅާކޮށް ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި އަދި އިގްތިސާދީ ހަމަޖެހުން ގާއިމްކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
މިކަމަށް ބަލާއިރު، މަޓާޓޯއިން 2017 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން، "އިމްޕޯޓަންސް އޮފް ޑެސްޓިނޭޝަން މާކެޓިން" ގެނަމުގައި ނެރެފައިވާ ޚާއްސަ ރިޕޯރޓްގައި ވެސް އަލިއަޅުވާފައިވާނެ ފަދައިން، ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް މަންޒިލް މާކެޓްކުރުން އެއީ އެހެން ހުރިހާ ކަމަކަށް ވުރެ މުހިއްމު ކަމެއްކަމުގައި މަޓާޓޯއިން ވާނީ ތަކުރާރުކޮށް ގޮވާލާފަ އެެވެ.
"ރާއްޖެއާއި ވާދަކުރަމުން އަންނަ ބައެއް ގައުމުތައް ކަމުގައިވާ، ސްރީލަންކާ، މޮރިޝަސް އަދި ސީޝެލްސްއަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް ގިނަގުނަ ތަފްސީލީ ހޯދުން ތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މިރިޕޯޓުގައި، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް ސަލާމަތްތެރި 'ހޭވަން'އެއް ގޮތުގައި އިޝްތިހާރުކުރުން އިތުރަށް ފުޅާކުރުމުން ލިބޭނެ ގިނަ ގުނަ ފައިދާތައް ތަފްސީލްކޮށް ބަޔާންކޮށްދީފައިވާނެ. މިރިޕޯޓު އެކުލަވާލާފައި ވަނީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ތަޖުރިބާކާރުން ކަމުގައިވާ، ސީއެންއެން އިންޓަނޭޝަނަލް، ޓީޓީޖީ އޭޝިއާ އަދި ޕާޓާ އާއި މަޓާޓޯއިން ބޭއްވި މޯލްޑިވްސްް ޓްރެވަލް ކޮންފަރަންސްގައި ކުރެވުނު ބަހުސްތަކުގެ އަލީގައި،" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
މަޓާޓޯ އިން ބުނީ ބުނީ މިދިޔަ އަހަރު 1،878،543 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އިރު، ލިބެެންހުރި އާއްމު މަޢުލޫމާތުގެ އަލީގައި މަޓާޓޯއިން ބެލިބެލުމުން، އެމްއެމްޕީއާރުސީގެ ޒަރިއްޔާއިން ދިވެހި ސަރުކާރުން މަންޒިލް މާކެޓް ކުރުމަށްޓަކައި ހޭދަކޮށްފައި ވަނީ ބޮލެއްގެ މައްޗަށް އެންމެ ހަތަރު ޑޮލަރު ކަމަށެވެ. ނަމަވެސް ދިވެހި ދައުލަތަށް، ރިޓާން އޮން އިންވެސްޓްމަންޓް (އާރުއޯއައި)ގެ ގޮތުގައި ސީދާ އަދި ނުސީދާގޮތުން ޓޫރިޒަމާ ގުޅިފައިވާ ޓެކްސް އާއި ފައިދާއަށް ބަލާއިރު، ބޮލަކަށް 600 ޑޮލަރު ވަދެފައިވާ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
މަޓާޓޯ އިން ބުނީ އެހެން ކަމުން 12،000 ޕަސަންޓުގެ އާރުއޯއައި ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އާންމު އަދި އަމިއްލަ ސެކްޓަރުން ކޮށްފައިވާ މަސައްކަތް ނުހަނު ގިނަ ކަމަށް މަޓާޓޯއިން ގަބޫލުކުރާ ކަމަށެވެ.
"ވަކިން ޚާއްސަކޮށް ޕެންޑަމިކްގެ ތެރޭގައި ލިބުނު އެއްބާރުލުން އިތުރަށް ފާހަގަ ކޮށް، މިއަދު ފެންނަމުންދާ ނަތީޖާއަކީ ވޭތުވެ ދިޔަ ތިން އަހަރުގެ ބުރަ މަސައްކަތާއި ހޭދައިގެ ފޮނި ނަތީޖާ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މަޓާޓޯއިން ދެކޭގޮތުގައި އަމިއްލަ ވިޔަފާރިވެރިން ކޮށްފައިވާ ހޭދައާއި އަޅުވާބަލާއިރު ދައުލަތުން ކޮށްފައިވާ ހޭދަ ދިހަ ޕަސަންޓް އަށް ވުރެ ދަށް،" މަޓާޓޯ އިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ މިވަގުތު އެމްއެމްޕީއާރުސީގެ ބޯޑުގައި އިންޑަސްޓްރީ ތަމްސީލްކުރާ މަންދޫބުން މަދުކަމާއި ބޯޑު މެމްބަރުންގެ އިންޑަސްޓްރީގެ ތަޖުރިބާ މަދު ކަމަށެވެ. މީގެ އިތުރުން ޓްރެވަލް އެޖެންޓުން، ގެސްޓްހައުސް އަދި ލިވްއަބޯޑްތަކުން ފެއާތަކުގައި ބައިވެރިވާން ނަގާފީ ބޮޑުކުރަން މަޝްވަރާކުރާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.
"ފަތުރުވެރިކަމުގެ މުޙިއްމުކަން ބަލައިގަންނަ، އަދި މި ސިނާއަތުގެ ކުރިއެރުމާއި ހަމަޖެހުމަށް ހުރަސް ނޭޅޭނެ ފަދަ މާލީ އސޫލުތަކެއް ގާއިމްކުރުމަށް މަޓާޓޯއިން ފާހަގަކުރޭ. އެހެންކަމުން، މަޓާޓޯއިން ގޮވާލަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހޯދަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި، ހާއްސަކޮށް އެހެން ގައުމުތަކުގެ ވާދަވެރިކަމަށް ބަލައި، އިޝްތިހާރުކުރުމަށް އިތުރު އަހައްމިޔަތެއްދީގެން މިހާރު ޑެސްޓިނޭޝް މާކެޓިންއަށް ކުރަމުން އަންނަ ޚަރަދު ތިންގުނައަށް އިތުރުކުރުމަށް،" މަޓާޓޯ އިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ ލޯ ސީޒަނަށް ދިމާކޮށް "ސަމާ ކެމްޕެއިން" ފަދަ "ޓާގެޓެޑް ކެމްޕެއިން"އަށް ސަމާލުކަންދީގެން ކުރިއަށްގެންދަން ޖެހޭ ކަމަށެވެ. އަދި މީގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ޗުއްޓީގައި ދިގު މުއްދަތު ހޭދަކުރާ ފަރާތްތަކަށް ސަމާލުކަންދީގެން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ އެވެރެޖް މުއްދަތު އިތުރުކުރުމުގެ މުހިއްމު ކަމަށް ވެސް މަޓާޓޯ އިން ބުނެ އެވެ.
"މިކަންކަން ޙާޞިލްކުރުމަށްޓަކައި މިހާރަށް ވުރެ ރަނގަޅު މާކެޓިން އުކުޅުތައް ބޭނުންކުރުމާއި، ހޯދާ ޑޭޓާގެ އަލީގައި އެކުލަވާލާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން މުހިއްމު،" އެ ޖަމިއްޔާއިން ބުންޏެވެ.