ވިލާ މާޓުން ހަބޭސް ބޮޑުބެރު ގްރޫޕާއެކު އީދު ދުވަހުގައި ފޯރިގަދަ ހަރަކާތެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވިލާ މާޓްގެ ފިހާރަތައް ހިންގާ ވިލާ ޓްރޭޑިންއިން ބުނި ގޮތުގައި އެ ހަރަކާތް އޮންނާނީ އީދު ދުވަހުގެ ހަވީރު 16:30 އިން 18:00 އަށެވެ. ހަރަކާތް ކުރިއަށްދާނީ ރެހެންދި ހިނގުމުގައި ހުންނަ ވިލާ މާޓްގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަޅުގަނޑުމެން ހަބޭސް ބޮޑު ބެރު ގްރޫޕާއެކު މި ކުރިއަށް ގެންދާ ހަރަކާތް އޮންނާނީ ޓީވީއެމް ކައިރީގައި ހުންނަ ވިލާ މާޓް ކައިރީގައި. ބޮޑު ބެރު އޮންނާނެ އެތަނުގައި. ވަރަށް ފޯރި ގަދަވާނެ،" ވިލާ ޓްރޭޑިން އިން ބުންޏެވެ.

ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށްދާ ވަގުތު އެތަނަށް ޒިޔާރަތްކުރާ ކުޑަކުދިންނަށް ހަދިޔާ ބެހުން ވެސް އޮންނާނެ ކަމަށް ވިލާ ޓްރޭޑިންއިން ބުނެ އެވެ.

މާދަމާ ހަވީރުގެ ވަގުތަކީ މާލެ ސަރައްހަދުގައި ދުއްވާ އެއްޗިހި ދުއްވުން މަނާ ވަގުތެކެވެ. އެހެން ކަމުން އެ ގަޑީގައި ގިނަ ބަޔަކު އެ ސަރަހަށްދަށް ބޮޑުބެރުގެ ހަރަކާތް ބެލުމަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް ވިލާ ޓްރޭޑިންއިން ބުންޏެވެ.

އެ ކުންފުނީގެ އެދުމަކީ ވީހާ ވެސް ގިނަ ބަޔަކު އެ ސަރަހަށްދަށް ވަޑައިގެން ބޮޑުބެރުގެ ހަރަކާތުގައި ބައިވެރިވުމެވެ.