އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރުމަށް ޖަޕާނުގެ ނޫސްވެރިންގެ ޓީމެއް ގެނެސްފި އެވެ.

އެމްއެމްޕީއާރުސީން ބުނީ ޖަޕާނުގެ ނޫސްވެރިންގެ ޓީމު ރާއްޖެ އައިސްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެ ޓީމު ރާއްޖޭގައި މިމަހުގެ 24 ދުވަހުގެ ނިޔަލަށް ހަރަކާތެރިވާނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

މި ދަތުރުގައި ބައިވެރިވަނީ ޖަޕާނުގެ ވޯގް ޖަޕާން އޮންލައިން، ސީއާރްއީއޭ ވެބް، ނިއުމެރޯ ޓޯކިޔޯ.ޖޭޕީ އަދި، މައިނާވި ވިމެންގެ ނޫސްވެރިން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކުންފުނިން ބޭނުންވަނީ ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް ނޫސްތަކާއި މީސްމީޑިއާގައި ޕްރޮމޯޓްކޮށް، ރާއްޖެ އަކީ ފަތުރުވެރިންނަށް އަމާން މަންޒިލެއްކަން ދައްކުވައިދީ އަދި ޖަޕާނުގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ. މީގެ އިތުރުން ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރު މައުލޫމާތާއި، ފަތުރުވެރިކަމުން ލިބޭ ގިނަގުނަ ހިދުމަތްތައް މި ނޫސްވެރިންގެ ފަރާތުން އެނގިގެން ދާނެކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

މި ނޫސްވެރިން ރާއްޖެ ގެނައުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރު ޖަޕާނުގެ މާކެޓުގައި ދައްކުވައި، ރާއްޖެއަށް އަންނަ ޖަޕާނުގެ ފަތުރުވެރިން އިތުރުކުރުމެވެ. އެގޮތުން މި ފެމިލިއަރައިޒޭޝަން ޓްރިޕްގައި ދައުވަތު ދިނުމުގައި މަޝްހޫރު، ޒުވާން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ދައްކުވައިދޭވޭނެ ފަދަ ނޫސްވެރިންނަށް ވަނީ އަމާޒުކޮށްފަ އެވެ. މި ދަތުރުގެ މަގްސަދަކީ ހަމައެކަނި ހޮޓެލް އިންޑަސްޓްރީ އާއި ގެސްޓް ހައުސް ވިޔަފާރި އިޝްތިހާރު ކުރުން ނޫންކަމަށާއި، ހާއްސަކޮށް ފަތުރުވެރިންނަށް ރާއްޖޭގައި ކުރެވޭނެ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުން ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެމްއެމްޕީއާރުސީގެ މަގްސަދަކީ އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ދެމެހެއްޓުމެވެ.

މި އަހަރުގެ އޭޕްރީލްގެ ނިޔަލަށް ޖަޕާނުން 9,333 ފަތުރުވެރިން ވަނީ ރާއްޖެއަށް ދަތުރުކޮށްފަ އެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 1.5 އިންސައްތަ އެވެ. އެގޮތުން ޖަޕާނަކީ 13 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ގައުމެވެ.