ހުޅުމާލޭގެ ދެވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ މީހުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި އަންނަ މަހުގެ 15 ގެ ކުރިން ނަގަން އެޗްޑީސީން އަންގައިފި އެވެ.

ހުޅުމާލެ ބަލަހައްޓާ ކުންފުނިން ބުނީ އެ ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ މި ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

"މި ސަރަހައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ އަންނަނީ ލިބެމުން. އަދި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މި ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް މި ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން،" އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ޖަހާފައި ހުރި ހަޓްތައް. މިތަންތަން އަންނަ މަހުގެ 15ގެ ކުރިން ނަގަން ޖެހޭ. ފޮޓޯ: އެޗްޑީސީ

އެ ކުންފުނިން ބުނީ އެ ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށެވެ.

"ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް. ނަމަވެސް މި ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީ އާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވޭ،" އެޗްޑީސީން ބުންޏެވެ.