މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން މިރޭ ކުރި ޓްވީޓެއްގައި ވަނީ ޝަމާހު މަގާމުން ވަކިކުރިކަން ހާމަކޮށްފަ އެވެ. އޭނާ ވަކި ކުރީ ކީއްވެގެން ކަމެއް އެ ބޯޑުން ނުބުނެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ސަސްޕެންޑުކުރުމަށްފަހު ފަހުން ވަނީ އެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފަ އެވެ. ސަސްޕެންޝަން ނިމުމަކަށް ގެނައުމުގެ އަނެއްކާ ވެސް ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރި އެވެ.

ޝަމާހުއަށް ވަނީ މައިގަނޑު 12 ތުހުމަތެއްކޮށް އެފަދަ ކަމެއް ހިނގާ ނަމަ ވަގުތުން ހުއްޓާލުމަށް އަންގާފަ އެވެ. އޭނާގެ ސަމާލުކަމަށް އެކަންކަން ގެނައީ ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުވި ސިޓީއަކުންނެވެ.

އެ ސިޓީގައި އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުވައްޒަފުންނަށް ބިރު ދެއްކުމެވެ. އޭގެ އިތުރުން ސީއީއޯއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ޝަމާހު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެ އޭނާއަށް ކުރި ތުހުމަތުތައް ދޮގުކުރައްވައި، އެކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.