އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ބައިނަލްއަގުވާމީ މާކެޓްގައި ޕްރޮމޯޓްކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުޑީ އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 17 ގަ އެވެ.

އޭނާ އެ މަގާމުން ވަކި ކުރެއްވި އިރު، އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނޫރްއައިން ޖަނާހު ވަނީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ.

ވަރަށް ގާބިލް ޒުވާނެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ނޫރައިން އިސްތިއުފާ ދެއްވިކަން ސަރުކާރުގެ އޮފިޝަލުން މީޑިއާތަކަށް ޔަގީންކޮށްދިން ނަަމަވެސް ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ރާއްޖޭގައި މަސައްކަތް ކުރައްވަން ފެއްޓެވިތާ ދެ އަހަރެއްހާ ދުވަސްވީ ނަމަވެސް، ނޫރައިން އާއްމުންނަށް އެހާ ބޮޑަށް ފާހަގަނުވި ނަމަވެސް ކުއްލިއަކަށް އޭނާ މަޝްހޫރުކަން ހޯދީ އަރަބް ޓްރޭވަލް މާކެޓުގައި އިނގިރޭސި ބަހުން ދެއްވި އިންޓަވިއުގެ ފަރިތަކަމާއި މޮޅުކަމުންނެވެ.

ނޫރެއިން އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުމް އިސްތިއުފާ ދެއްވުމުގެ ގޮތުން ދިވެހި ބަހުން ފޮނުވި ސިޓީގައި އެ ކުންފުނީގެ މިސްރާބު ހުރީ މުޅިން ނުބައި ރޫޓެއްގައި ކަމަށް ބުނެފައިވެ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ދަސްވެފައި ހުރި އިލްމަކާއި އުނގެނުފައި ހުރި ހިލްމެއްގެ ބޭނުން ހިފޭނެ މާހައުލެއް އެ ކުންފުނީގައި ނެތުމާއި ގަބޫލު ކުރައްވާ އުސޫލުތަކާ ހިލާފަށް ކުންފުނި ހިންގަން މެނޭޖުމަންޓުން މަސައްކަތް ކުރުމެވެ.

މެނޭޖުމަންޓަށް ކުރާ ބައެއް ތުހުމަތުތައް

  • ސީއެފްއޯއަށް ނޭނގި ބައެއް ހަރަދުތައް ކުރުން
  • ބިޑް ނުކޮށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ގިނަ ކަންކަން ކުރުން
  • ބަޖެޓުން ފާސްކުރި ގޮތާ ހިލާފަށް މެނޭޖިން ޑިރެކްޓަރު ހަރަދު ކުރުން
  • ދަތުރު ކުރުމުގައި ބެލުމެއް ނެތުން
  • އިވެންޓު ބާއްވަން އޮންނަ ފަހު ވަގުތު ބޮޑު އަގުގައި ހަރަދުތައް ކުރުން
  • ބޯޑުން ދޭ ލަފާތަކާ ހިލާފަށް އަމަލު ކުރުން