ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 24 ހެކްޓަރުގެ ބިން އިތުރުކުރަން އެ ސަރަޙައްދުގެ ފަޅުތެރޭގައި އަޅާފައި ހުރި ސަފާރީތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެޗްޑީސީން ބުނީ ބިން ހިއްކާ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން އެ ސަރަހައްދުގައި އަޅާފައި ހުންނަ ސަފާރީތަކަށް ގެއްލުން ލިބި، ނުރައްކާތެރި ހާދިސާތައް ހިނގާފައި އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ހާދިސާތައް ހިނގާފާނެ ކަމަށް ލަފާކުރެވޭތީ އެކަމުން ރައްކާތެރިވުމަށް މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އެ ކުންފުނިން ވަނީ އަންގާފަ އެވެ.

އެޗްޑީސީން ބުނީ މިމަހުގެ 30 ވަނަ ދުވަހުގެ ފަހުން ބިން ހިއްކާ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީ މަނާ ކަމެެއް ކަމަށެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ މަރުހަލާގެ 10 ހެކްޓަރު ހިއްކުމަށްފަހު ދެވަނަ މަރުހަލާ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އަދި ދެވަނަ މަރުހަލާގައި ދަށުން ހިއްކަން ނިންމި 29 ހެކްޓަރުގެ ތެރެއިން 5 ހެކްޓަރު މިހާރު ވަނީ ހިއްކާފަ އެވެ. އަދި 3 ވަނަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވާ 24 ހެކްޓަރުގެ ބިމާއެކު ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލެއިން އަލަށް ހިއްކާ ބިމުން ގެދޮރުވެރިކަމުގެ ބޭނުންތަކަށާއި ސިނާއީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އެޗްޑީސީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އަލަށް ހިއްކާ ސަރައްދުން މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ގޯތި ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.