ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިހާރު ހިންގަމުން އަންނަ ސީޕްލޭން ޓާމިނަލް ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓަށް ބަދަލުކުރަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިހާރުގެ ސީޕްލޭން ޓާމިނަލް ޖެޓް ޓާމިނަލަކަށް ބަދަލުކޮށް، ސީޕްލޭން އޮޕަރޭޝަން އާއި ޓާމިނަލް ފުލް މޫން ރިސޯޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ސީޕްލޭން ޖައްސާ ސަރަހައްދު ހިއްކައިގެން، އެ ސަރަހައްދުގައި ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ އިތުރު ކުރުމަށް ނިންމާވާފައިވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އިންޑަސްޓްރީ ރާއްޖޭގައި އޮތް އިރު މައި އެއާޕޯޓުގެ ލޭންޑިން، ޓޭކް އޮފްގައި ބާރު ބޮޑުވުމަށް ލުއިތަކެއް ހޯދޭނީ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށެވެ. އަދި އެއާޕޯޓް އިތުރަށް ތަރައްގީ ކުރަން ބޭނުންވާ ޖާގަވެސް ލިބޭނީ ސީޕްލޭން ޓާމީނަލް ބަދަލުކޮށްގެން ކަމަށް ސައީދު ވިދާޅުވި އެވެ.

"ރަސްމީ ޖެޓް ޓާމިނަލެއް ނެތް. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ވިސްނުންފުޅުގައި ޖެޓް ޓާމިނަލެއް އަލަށް އެ ވިޔަފާރި ރަސްމީކޮށް އުފަންކޮށްގެން ކުރިއަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ. އެއާ އެކު އެއާޕޯޓު ކެޕޭސިޓީ ވެސް ބޮޑު ކުރަން ޖެހޭ. ރައީސްގެ ވިސްނުންފުޅަކީ ވަރަށް ދުރަށް ވިސްނަވާފައި ތަރައްގީކުރަން. އެގޮތުން 20 އަހަރުގެ މާސްޓަޕްލޭނެއް ހައްދަވައި ގާނޫނީ ބާރުވެރިކަން ވެސް ގެންނަން ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ފަހަރަށް އިއުލާނު ކުރެއްވި،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިހާރު ބޭނުން ކުރާ ސީ ޕްލޭން ޓާމިނަލް ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މީހުންގެ އަދަދު 4،000 އާއި 6،000 އަށް ދެމެދަށް އަރަ އެވެ. އަދި ލޯ ސީޒަންގައި ދުވާލެއްގެ މައްޗަށް 300 ފްލައިޓް ދަތުރު ކުރާ އިރު ހައި ސީޒަންގައި 600 ފްލައިޓު ދަތުރު ކުރެ އެވެ.

"ނޫވިލު" ގެ ނަމުގައި އާ ސީޕްލޭން ޓާމިނަލް ހުޅުވީ 2022 ވަނަ އަހަރު އެވެ.