ރާއްޖެ އާއި ޗައިނާ އާ ދެމެދު ޑިޖިޓަލް ޕޭމަންޓް ނެޓްވޯކެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޗައިނާގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގެ ތެރޭގައި މި އެއްބަސްވުން ގާއިމު ކުރީ އެމްއެމްޕީއާރުސީ އާއި ޗައިނާގެ ވެއިޒިން ޕޭ އާ ގުޅިގެންނެވެ. އެމްއެމްޕީއާރްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދެވެ. އަދި ވެއިޒިން ޕޭގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރު، ސިންގަޕޫރު އަދި ރީޖަނަލް ޑިރެކްޓަރު، ސައުތުއީސްޓް އޭޝިއާ، ވީޗެޓް ޕޭގެ އެޓިއެން އެން ޖީ އެވެ.

އެމްއެމްޕީއާރްސީއިން ބުނީ މި އެއްބަސްވުމުގައި ސޮއި ކުރުމުން ވެއިޒިން ޕޭއާއި ގުޅިގެން ހިންގާ މާކެޓިންގް ހަރަކާތްތަކުގައި ރާއްޖެއަށް އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ. އަދި ވެއިޒިން ޕޭގެ ނުފޫޒާއެކު، ޗައިނާގެ ފަތުރުވެރިންނަށް ލީޑިން މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައިޓީބީ ޗައިނާގައި އެމްއެމްޕީއާރުސީން ވަނީ "މޯލްޑިވްސް މީޓް" ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒިހުނީ ރަޝީދު ލީޑްކުރެއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގެ ވީއައިޕީގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ބައިވެރިވެވަޑައިގެންނެވި އެވެ.

ފައިސަލް ވިދާޅުވީ ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އަގުހުރި ބައިވެރިއެއް ކަމަށެވެ.

"ފަހުރުވެރިކަމާއެކު ދަންނަވާލަން އޮތީ ޗައިނާއަކީ ފަތުރުވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެންގެ އެއް ނަމްބަރު މާކެޓް ކަމަށް.". ފައިސަލް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ޗައިނާގެ މާކެޓުގެ މުހިންމުކަމާއި ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ފައިސަލް ވަނީ ޗައިނާގެ އެކި ސަރަހައްދުތަކުން އިތުރު ސީދާ ދަތުރުތަކުގެ ތެރެއިން ގުޅުން އިތުރަށް ބަދަހި ކުރުން މުހިންމު ކަމަށް ވިދާޅުވެފަ އެވެ.