އިމްޕޯޓު އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް 310 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، 0.5 އިންސައްތަ ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ އެޕްރީލް މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 310 މިލިއަން ރުފިޔާ އެވެ. 2023 ވަނަ އަހަރު މިމުއްދަތުގައި ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުން ލިބުނު 308 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް ވަނީ 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މުދާ އެތެރެކުރި މިންވަރުވަނީ 6 އިންސައްތަ އިތުރުވެފަ އެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޗައިނާ، ސިންގަޕޫރު އަދި ޔޫއޭއީންނެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނު، ތެލުގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ބާވަތްތަކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަމަހު ރާއްޖެއިން ބޭރުކޮށްފައިވާ މުދަލުގެ އަދަދުވަނީ ދަށްވެފަ އެވެ. މިދިޔަމަހު 151 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އޭޕްރިލްމަހު ރާއްޖެއިން ވަނީ 193 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފަ އެވެ. މިއީ 22 އިންސައްތަގެ ދަށްވުމެކެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ސްވިޒަލޭންޑު އަދި އިންޑިއާއަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.