މި މަހު ލިބުނު ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ކުރަން ފަށުމާއެކު ބިލާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޓެލްކޯއިން އެކުންފުނީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުނީގެ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދޭނެ ކަމަށެވެ.

ކަރަންޓް ބިލްތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު 7788438 މެދުވެރިކޮށް ވަޓްއެސްއެޕާއި ޓެލެގްރާގްމްގެ އިތުރުން މެއިލް މެދުވެރިކޮށް ވެސް ފޮނުވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ އެމީހުންގެ ގޭބިސީތަކުގެ ކަރަންޓު ބިލު އޭގެ ކުރީ ބިލަށް ވުރެ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ ބިލުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އަދި މިއަދު ސްޓެލްކޯ ކައިރިއަށް އެއްވެ ބައެއް މީހުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.