މި އަހަރު ބާއްވާ އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްޓީސީސީން ބުނީ އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ފަހިވޯޓް މެދުވެރިކޮށް ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

މި ޖަލްސާގައި ބައިވެރިވުމަށް މި މަހުގެ 9 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ މި ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް، ނުވަތަ އެޕްލިކޭޝަން ފޯމު އީމެއިލް ކޮށްގެން ވެސް ރަޖިސްޓަރ ކުރެވިދާނެ ކަމަށެވެ.

މި ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމައިފަ އެވެ.

މިދިޔަ އަހަރު ބޭއްވި، 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި، މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް އެ ހުށައެޅުން ހުށަހެޅުމަށްފަހު، ހިއްސާދާރުންގެ ވޯޓުން އެއައިޓަމް ފާސްނުވާކަމަށް ކަނޑައެޅި އެވެ. ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ވަނީ، 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާއާބެހޭ ގޮތުން މަޝްވަރާކޮށް، ޑިރެކްޓަރުންގެ ބޯޑުގެ ނިންމެވުމުގެ މަތިން، މި އަހަރު ބާއްވާ ހާއްސަ އާންމު ޖަލްސާ އަށް 2022 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށް އަލުން ހުށަހެޅުމަށް ނިންމައިފަ އެވެ.