ސަރުކާރު ހިއްސާވާ 32 ކުންފުންނީގެ ހިންގުމާ ބެހޭ ގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިދިޔަ ހަފުތާގައި ނެރުނު ކޯޕަރޭޓް ގަވަނެންސް ޓްރާންސްޕޭރެންސީ އިންޑެކްސް (ސީޖީޓީއައި) ގެ އެންމެ ކުރި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ހޯދައިފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑާއި ޓްރާންސްޕޭރަންސީ (ދެފުށް ފެންނަ މިންވަރު) ބެލުމުގައި ރިޕޯޓުގައި މައިގަނޑު ހަ ކަމަކަށް ބަލާފައިވެ އެވެ. އޭގެ ތެރޭގައި ޕީސީބީގެ ކޯޕަރޭޓް ގަވަނަންސް ގައިޑްލައިނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލާފައިވެ އެވެ.
ކުންފުނިތައް ހިންގުމުގައި ޓްރާންސްޕޭރަންސީން ބެލި ދާއިރާތައް
- ކުންފުނީގެ ސިޔާސަތުތަކާއި މަގްސަދުތައް
- ސަރުކާރު ނުވަތަ ދައުލަތާ ދެމެދު ހިންގާ މުއާމަލާތްތައް
- ޕްރައިވެޓް ސެކްޓަރާ ދެމެދު އޮންނަ ގުޅުމާއި ހިންގާ މުއާމަލާތްތައް
- ކުންފުނީގެ އޮޕަރޭޝަންތަކާއި ޕާފޯމެންސް
- ސީއެސްއާރާއި ކޯޕަރޭޓް އިންޓަގްރިޓީ
- ޑިރެކްޓަރުންގެ ބޯޑު
މި ކެޓަގަރީތަކުގެ ތެރޭން ތިން ކެޓަގަރިއަކުން ކުރި ހޯދާފައި ވަނީ އެސްޓީއޯ އެވެ. އޭގެ ތެރޭގައި ކުންފުނީގެ އޮޕަރޭޝަންތަކާއި ކޯޕަރޭޓް އިންޓަގްރިޓީ އަދި އިޖުތިމާއީ ޒިންމާގެ ދަށުން ހިންގި ޕްރޮގްރާމްތައް ހިމެނެ އެވެ. ދައުލަތާއި ޕްރައިވެޓް ސެކްޓަރާ ދެމެދު ކުރާ މުއާމަލާތްތަކުގެ ބައިން ވެސް އެސްޓީއޯ ވަނީ ކޮންމެ ބަޔަކުން 82 ޕަސެންޓުގެ މާކްސް ހޯދައިފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ލިސްޓްކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގާ ގޮތް ވަޒަންކުރުމަށް މިދިޔަ އަހަރުގެ އޮގަސްޓް 14 އިން ސެޕްޓެމްބަރު 3 ގެ ނިޔަލަށް ޓްރާންސްޕޭރަންސީން ހިންގި އެސެސްމަންޓުގައި 32 ކުންފުނީގެ ތެރޭން 20 ކުންފުންޏަށް މާކްސް ލިބިފައި ވަނީ 40 ޕަސެންޓަށް ވުރެ ދަށުންނެވެ.
ސީޖީޓީއައި ގައި އެންމެ ރަނގަޅު ކަމަށް ރޭޓްކުރި 6 ކުންފުނި
- އެސްޓީއޯ
- ދިރާގު
- އެޗްޑީއެފްސީ
- ބީއެމްއެލް
- އެމްޓީސީސީ
- އެމްއައިބީ
މީގެ އިތުރުން ފަސް ކުންފުންޏެއް ވަނީ އިމްޕްރޫވަބަލް ކަމަށް ރޭޓްކޮށްފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އެޗްޑީސީ، އެމްޕީއެލް، އެމްއެމްޕީއާރުސީ، އެމްޑަބްލިއުއެސްގެ އިތުރުން އެމްޓީޑީސީ ހިމެނެ އެވެ.
ޓްރާންސްޕޭރަންސީގެ ސީޖީޓީއައި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ގިނަ ކުންފުނިތައް ހިންގުމުގައި ބޭނުންކުރާ ދެފުށްފެންނަ ނިޒާމަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނީ އަދި ރެގިއުލޭޓަރީ ފްރޭމްވޯކާއި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތަކަށް ފެތޭ އެކަށީގެންވާ މިންވަރެއް ނޫނެވެ.