މި މަހު ލިބުނު ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއެކު މިހާތަނަށް 6,000 ވުރެން ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅިގެން ގިނަ ބަޔެއްގެ ޝަކުވާ އާއި ފާޑުކިޔުން އަމާޒުވެފައިވާއިރު ސްޓެލްކޯ އިން ވަނީ ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސްޓެލްކޯގެ ކަސްޓަމާ ސާވިސް ނަންބަރު 7788438 އަށް ނުވަތަ ސްޓެލްކޯގެ ވަޓްސަޕް، ޓެލެގްރާމް އަދި އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ސްޓެލްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކަރަންޓު ބިލްތަކާ ގުޅިގެން މިދިޔަ ދެ ދުވަސް ތެރޭ ޝަކުވާގެ ގޮތުގައި 659 ފޯނުކޯލު ލިބިފައިވާ ކަމަށެވެ. އަދި 6135 ޝަކުވާ ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ލިބިފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެ އެވެ.

އަދި ކުރިންވެސް ހާމަކޮށްފައިވާ ގޮތުން ހުރިހާ ޝަކުވާއަކަށްވެސް 24 ގަޑި އިރުތެރޭ ޖަވާބުދާރީވުމަށް މަސައްކަތްކުރަމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އޭޕްރީލް މަހުގެ ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މިކަމާއި ގުޅިގެން ސްޓެލްކޯ ކައިރީގައިވެސް ވަނި ސުލްހަވެރި އިހްތިޖާޖެއް ކޮށްފަ އެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން މީގެ ކުރިން ބުނީ ކަރަންޓު ބިލު ބޮޑު ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން ކަމަށެވެ.