އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށާއި މިދިޔަ އަހަރުގެ ޑިވިޑެންޑް ބެހުމަށް ރެކޯޑް ނަގާ ތާރީހަކީ މި މަހުގެ 26 ވާ ބުދަ ދުވަސް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިދިޔަ އަހަރު އެސްޓީއޯގެ ޖުމްލަ ސާފު ފައިދާ 819 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 183 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ކަމަށް މާލީ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ 4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

އެ ކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ އޭގެ ކުރީ އަހަރުގައި ލިބުނު 18.2 ބިލިއަން ރުފިޔާއަށް ވުރެ 1.8 ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެސްޓީއޯއިން ބުނީ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން އެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުން ކަމަށެވެ. އެހެން ނަމަވެސް ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި ރަނގަޅުވުމާއެކު، ޖުމްލަ ފައިދާ 2.7 ބިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ކުންފުނީގެ މައިގަނޑު ވިޔަފާރިތަކަށް އިސްކަންދީގެން ކުންފުނި ހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ކުންފުނީގެ ބެލެންސް ޝީޓް ރީސްޓްރަކްޗާ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމުގެ ގޮތުން މިހާރުގެ އަގަށް އަގުކުރުމަށް ފަހު އެސެޓްތަކުގެ އަގު ބަދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.