ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން މިއަދު ކުރިއަށް ގެންދާ ޓެލެތޯނަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އެމްޑަބްލިއުއުއެސްސީގެ ފަރާތުން ހަދިޔާ ކުރި އެއް ލައްކަ ރުފިޔާގެ ރަމްޒީ ޗެކާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ.

މުޅި ރާއްޖެ ހިމެނޭގޮތަށް ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މިއަދު ކުރިއަށް ގެންދާ ޓެލެތޯނަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ޓެލެތޯން ފެށީ މިއަދު ހެނދުނު 8 ޖެހިއިރު އެވެ. މި ޓެލެތޯން މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށްދާނެ އެވެ. އެ ވަގުތުގެ ތެރޭގައި ރާއްޖޭގެ ޓީވީ ޗެނެލްތަކުން ޓެލެތޯންގެ ހަރަކާތްތައް ގެނެސްދޭނެ އެވެ.

މި ޓެލެތޯނަށް އާންމުންގެ އިތުރުން ސަރުކާރު އެކި ކުންފުނިތަކުން ވެސް އަންނަނީ ފައިސާ ހަދިޔާކުރަމުންނެވެ.

މި ޓެލެތޯނަކީ މި މަހުގެ 2 ގައި ކެބިނެޓަށް ހުށަހަޅައި ފާސްކޮށްގެން ކުރިއަށް ގެންދަން ނިންމި ޓެލެތޯނެކެވެ. އެގޮތުން މިއަށް ލިބޭ ފައިސާ ފަލަސްތީނަށް ފޯރުކޮށް ދޭން ހަމަޖެހިފައި ވަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އދ. ގެ ފަލަސްތީންގެ ރެފިއުޖީންނަށް އެހީވާ ޖަމިއްޔާ "ޔޫއެންއާރްޑަބްލިއުއޭ" އާ ވެސް ގުޅިގެންނެވެ.

"ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނަށް ފައިސާ ހަދިޔާކުރަން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ޖުމްލަ 13 ފަންޑްފޮށި ބަހައްޓާފައިވާ އިރު، މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެ އެވެ. އެގޮތުން ފައިސާ ފައިސާ ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ މި 7730000655866 އެކައުންޓަށެވެ.