ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.
"ވިން އަ ޓެސްލާ" ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުނުފުނިން ލޯންޗުކުރި ހަރަކާތެކެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ އިއުލާނުކޮށްފައި ވަނީ އަޟްހާ އީދުގެ މުނާސަބަތުގައި މިރޭ އެކުންފުނިން ކުރިއަށް ގެންދާ ދިރާގު އީދު ޝޯގަ އެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ މި ގުރުއަތު ހޮވާފައި ވަނީ ދިރާގގެ ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގަ އެވެ. މި ގުރުއަތުން މުޅިން އައު ޓެސްލާ ކާރު މޮޑެލް 3 ގެ ވެރިޔާގެ ގޮތުގައި ހޮވިފައި ވަނީ މުސްތަފާ މުހައްމަދު، ކ. ތުލުސްދޫ އެވެ.
ދިރާގު އީދު ޝޯގެ ގުރުވަތު ނެގުމުގެ ބައި ވަނީ ޓީވީއެމް އާއި ޗެނަލް 13 އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބުން ލައިވްކޮށްފަ އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ކަންތައްތައް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށްޓަކައި މިނިވަން އޮޑިޓަރެއް ކަމަށްވާ ކްރޯ މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން ކްރޯ މޯލްޑިވްސްއިން ވަނީ ގުރުވަތުގެ މަރުހަލާގެ ހުރިހާ ކަމެއް ގާތުން ބަލާ ގުރުވަތު ނެގި ވަގުތު ލޮކޭޝަންގައި ހަރަކާތްތެރިވެފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގު ކަސްޓަމަރުން ވަނީ 31 ޖަނަވަރީ 2024ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފަ އެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވުމަށް ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި 17 ޖޫން 2024 އާ ހަމައަށް މަޑުކުރަންޖެހެ އެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ސަބްސްކްރައިބްކޮށްފައިވާ ޕްލޭންތައް ކަސްޓަމަރުންނަށް އަޕްގްރޭޑް ވެސް ކުރެވެން އޮތްކަން ދިރާގުން ފާހަގަކުރި އެވެ.
މި ޕްރޮމޯޝަން ނިމުމުގެ ކުރިން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ އިނާމު ގޮތުގައި ދޭން ނިންމި ޓެސްލާ ކާރު އާންމުނަށް ދައްކާލާފަ އެވެ.