ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދުގައި ހުރި ހަޓުތައް ނަގަން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ވަނީ މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ހަޓުތައް ނެގުމަށް އެތަނުގައި ވިޔަފާރިކުރަމުން އައި ފަރާތްތަކަށް މުއްދަތު ދީފަ އެވެ. މި މުއްދަތުގައި ބައެއް ފަރާތްތަކުން ހަޓުތައް ނެގި ނަމަވެސް ގިނަ ހަޓުތަކުގައި މުއްދަތު ހަމަވިއިރު ވެސް ވިޔަފާރި ކުރަމުން ދިޔަ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ރުއްގަނޑު 3 ސަރަހައްދުގައި ހުރި ހުރިހާ ހަޓުތައް ނެގުމަށް އެޗްޑީސީން އެންގީ އެ ސަރަހައްދު ތަރައްގީ ކުރުމަށެވެ. އެ ސަރަހައްދުގައި ހަޓުތައް ހަދައިގެން ކެފޭއާއި ހެދިކާ ވިއްކާ ތަންތަން ހިންގަމުންއައީ އެޗްޑީސީގެ ހުއްދަނެތި އެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތަކާއެކުގައެވެ.

އެޗްޑީސީން ބުނީ ރޭވުންތެރިކަމެއް ނެތި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމުކުރުމަށް އެ ކުންފުނިން މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެޗްޑީސީން ބުނީ އެ ސަރަހައްދު ތަރައްގީކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށެވެ.