މޯލްޑިވްސް ފުޑް ކާނިވަލް "ޕަވާޑް ބައި ދިރާގު" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

މި އިވެންޓް އޮންނާނީ އަންނަ މަހުގެ 3 އިން 7 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ދިރާގާއި މޯލްޑިވްސް ފުޑް ކާނިވަލްއިން ފަސް ދުވަހުގެ ކުލަގަދަ ފެސްޓިވަލްއަކަށް ތައްޔާރު ވަމުންދާއިރު، މިއީ މޯލްޑިވްސް ފުޑް ކާނިވަލްގެ ދެވަނަ އެޑިޝަނެެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މިހަރަކާތުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. އަދި މި އިވެންޓްގެ ސަބަބުން ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަށް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ކާބޯތަކެތީގެ އިތުރުން މޯލްޑިވްސް ފުޑް ކަރނިވަލްގައި ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ އެވެ.

ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ، މި އަހަރުވެސް މޯލްޑިވްސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށްވެ، މި ފޯރިގަދަ އިވެންޓް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ކާނިވަލްގައި ދިވެހި އަދި ބައިނަލްއަގްވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާޓްސް އެންޑް ކްރާފްޓް، ކުޅިވަރު އަދި މުނިފޫހިފިލުވުގެ ތަފާތު ސްޓޯލްތައް ހިމެނިގެންދާނެ. މިއީ އާއިލާ އާއި ރައްޓެހިންނާ އެކު ތަފާރު ތަޖުރިބާއެއް ކޮށްލުމަށްލިބޭ ރަނުގެ ފުރުސަތެއް" ޖައިޝަން ވިދާޅުވި އެވެ.