ޗައިނާގެ ޗޮންގްޗިން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

މިއީ ރާއްޖެއަށް އަލަށް ދަތުރުތައް ފެށި ޗައިނާގެ އެއާލައިނެކެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިއްޔެ ވަނީ ފާހަގަކޮށްފަ އެވެ. މިގޮތުން އެ އެއާލައިންގެ ބޯޓު އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ނެގި އެވެ.

އެ އެއާލައިނުން ދަތުރުތައް ކުރާނީ ޗައިނާގެ ޗޮންގްކިންގް ޖިއަންގްބޭ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ތިން ދަތުރެވެ. ޗޮންގްޗިންގް ސިޓީއަކީ 31 މިލިއަން މީހުން ދިރިއުޅޭ ސިޓީއެކެވެ.

ޗައިނާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށިއިރު އެ ގައުމަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމެވެ.

ޗޮންގްޗިންގް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅިގެން އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ކޭކު ފަޅަނީ. ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ އެއްވަނައިގައި މިވަގުތު އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 113،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ރާއްޖެއަށް މިހާރު ދަތުރުކުރާ ޗައިނާއިން އަންނަ އެއާލައިންތަކުގެ ތެރޭގައި ބެއިޖިން ކެޕިޓަލް އެއާލައިންސް، ޗައިނާ އީސްޓަން، ސިޗުއާން އެއާލައިންސް އަދި ޒިއާމެން އެއާލައިންސް ހިމެނެ އެވެ.