ފެނަކައިން ފޯރުކޮށްދޭ ޔުޓިލިޓީ ހިދުމަތުގެ ބިލްތައް ޕްރިންޓްކޮށްގެން ހަވާލުކުރުމުގެ ބަދަލުގައި އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފެނަކައިން ބުނީ ޕްރިންޓްކޮށްފައިވާ ބިލް ހަވާލުކުރުމުގެ ބަދަލުގައި، ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަކު ކުންފުނީގައި ރަޖިސްޓަކޮށްފައިވާ ފޯނު ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް ބިލް ފޮނުވާނެ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ބިލު ފޮނުވަމުންދާނީ އެސްއެމްއެސް މެދުވެރިކޮށްކަމަށް ފެނަކައިން ބުނެ އެވެ.

މީގެ އިތުރުން ބިލަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ފައިސާ ނުދައްކާ ފަރާތްތަކަށް ފޮނުވާ "ރެޑްނޯޓިސް" ވެސް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

އެސްއެމްއެސް މެދުވެރިކޮށް ފޮނުވާ ބިލުގައި ހިމަނާފައި ހުންނާނެ މައުލޫމާތުތަކުގެ ތެރޭގައި ބިލިންގް އެޑްރެސް، ބިލް ނަންބަރު، ސަބްސްކްރިޕްޝަން ނަންބަރު، މީޓަރު ނަންބަރު، ބިލުގައިވާ ފައިސާގެ އަދަދު އަދި މުއްދަތު ހަމަވާ ތާރީހު ހިމެނެ އެވެ.

ފެނަކައިން ބުނީ އެންމެ ފަހުގެ ބިލު މިއަދުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވަމުންދާނެ ކަމަށެވެ. މި މުއްދަތުގައި ބިލު ނުލިބޭ ފަރާތްތަކުން މައްސަލަ ހައްލުކުރުމަށް ފެނަކަ އިން ވަނީ އެދިފަ އެވެ.