މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކޮންމެ ހަފްތާއަކު މުރާޖާ ކުރަން މިފްކޯއިން ނިންމައިފި އެވެ.
މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާދަމާ އިން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގައި ކަމަށެވެ. މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް އެ ކުންފުނިން އިއުލާން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިފްކޯއިން ބުނީ އެ ބަދަލު ގެނައީ މަސްވެރިން ބާނާ މަހަކަށް ގަވާއިދުން ފައިސާ ނުދެވޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާ ގުޅިގެން ކުރެވުނު މަސައްކަތުން މާދަމާ ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގަ އެވެ.
"މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫނެވެ،" މިފްކޯގެ ބަޔާނުގައިވެ އެވެ.
މިފްކޯއިން ބުނިގޮތުގައި މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާ ގުޅިގެން އަޅަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.