ކަރަންޓާއި ފެނުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން މިދިޔަ މެއި މަހުގެ ތެރޭގައި އިންފްލޭޝަން 1.51 ޕަސެންޓް މައްޗަށް ކޮށްފައިވާ ކަމަށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ދައްކައިފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އިއްޔެ އާންމުކުރި މިއަހަރުގެ މެއި މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު އަގުތައް ވަނީ 1.5 ޕަސަންޓް އުފުލިފަ އެވެ. ނަމަވެސް އޭޕްރިލް މަހު ސީޕީއައި ވަނީ 1.12 ޕަސެންޓް ދަށްވެފަ އެވެ.

މުދަލާއި ހިދުމަތްތަކުގެ އަގަށް އަައި ބަދަލަށް ބަލާއިރު މެއި މަހެއްގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ފާހަގަކޮށްފައި ވަނީ ކަރަންޓާއި ފެނުގެ އަގުތަކެވެ. އެގޮތުން ކަރަންޓުގެ އަގު 37.44 ޕަސެންޓު އުފުލުނުއިރު. ފެނުގެ އަގު އުފުލިފައި ވަނީ 45.70 ޕަސެންޓެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެ ކުންފުނީގެ އިންޖީނެެއް ބައްލަވާލައްވަނީ. ފޮޓޯ: ސްޓެލްކޯ

މައިގަނޑު ހުރިހާ ދާއިރާއެއްގެ ތެރެއިން މަހުގެ އަގާއި ތައުލީމުގެ ދާއިރާ ނަގާފައި މަހުން މަހަށް އަގު އުފުލުނު ހަމައެކަނި ދާއިރާއަކީ ވެސް ކަރަންޓާއި ފެނުގެ އަގުތައް ހިމެނޭ ކުއްޔާއި، ކަރަންޓާއި، ފެނާއި، ގޭހާއި، އެހެނިހެން ހަކަތައިގެ ދާއިރާ އެވެ. އެ ދާއިރާގެ އަގުތައް ވަނީ މެއި މަހުގެ ތެރޭގައި 7.53 ޕަސެންޓު އުފުލިފަ އެވެ.

އަގުތައް އެންމެ ބޮޑަށް ތިރިވީ ކާނާ އާއި ކާނާގެ އުފެއްދުންތަކާއި އަދި ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެހެން ހުރިހާ ދާއިރާއެއްގައި އަގަށް އައީ ނިސްބަތުން ކުޑަ ބަދަލެކެވެ. މެއި މަހު އެންމެ ބޮޑަށް އަގު ތިރިވެފައި ވަނީ ތަރުކާރީ އާއި މޭވާ އަދި މަހުގެ ބާވަތްތަކުގެ އިތުރުން ވައިގެ ދަތުރުފަތުރާއި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތެލު ބާވަތްތަކާއި މުއާސަލާތީ ހިދުމަތްތަކުންނެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު ބާޒާރުކުރަނީ. ފޮޓޯ | ހުރިހާ

ކަރަންޓާއި ފެން ބިލުގެ އަގު ބޮޑުވެގެން މެއި މަހު އިންފްލޭޝަން މައްޗަށް ޖެހެން މެދުވެރިވީއިރު، މާޗު، އޭޕްރީލް، އަދި މެއި މަހު ލިބުނު ކަރަންޓު ބިލުތައް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާކުރި އެވެ. އެކަމާ ގުޅިގެން ކަރަންޓުގެ ހިދުމަތްދޭ ކުންފުނިތަކުން ބުނީ އެހެން ދިމާވީ ހޫނު ގަދަ ދުވަސްވަރަކާ ދިމާވުމުން ކަމަށެވެ.

މާޗު މަހާއި އޭޕްރީލް މަހުގެ ބިލުތަކަށް ސަރުކާރުން ޑިސްކައުންޓް ވެސް ދިނެވެ.